ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއިން މި ބަލީގެ އާ ކޭސްތަކެއް ރެކޯޑް އަދަދަކަށް ފެންނަން ފަށާފައިވާއިރު، މި ފަހުގެ ކޭސްތައް ފެންނަމުންދާ ވެރިރަށް ބެއިޖީންގްގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.
ބެއިޖީންގްގެ ގިނަ އަވަށްތަކެއް މިހާރު ލޮކްޑައުން ކޮށްފައި ވާއިރު، ޓެސްޓު ކުރުމުގެ މަސައްކަތްތައްވެސް ވަނީ އިތުރު ކޮށްފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނާ ގތުގައި ބެއިޖީންގްގައި މި ބަލި އަލުން ފެތުރެން ފަށާފައިވާއިރު، 100 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ފާއިތުވީ 7 ހަފުތާއެއްހާ ދުވަހަށް ބަލާއިރު ބެއިޖީންގްއިން މި ބަލި ޖެހިގެން މުޅިންވެސް ރިޕޯޓްކުރީ އެހެން ސަރަހައްދުތަކުން އެ ސިޓީއަށް ދަތުރުކުރި މީހުންނެވެ. ނަމަވެސް މިހާރު ބެއިޖީންގްގައި ފެތުރެމުންދަނީ ކޮމިއުނިޓީ ޓްރާންސްމިޝަންއެކެވެ.
ޑަބްލިއުއެޗްއޯގެ އެމާޖެންސީޒް ޕްރޮގްރާމްގެ އިސްވެރިޔާ ޑރ މައިކް ރާޔަން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އާ ކްލަސްޓާތަކެއް ފެނުމަކީ އަބަދުވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ޗައިނާގެ ވެރިރަށް ބެއިޖީންގްގައި މިހާރު ފެތުރެމުންދާ އާ ކްލަސްޓާތައް ގުޅިފައިވާ އެ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހޯލްސޭލް މާކެޓެއް ކަމަށްވާ ޝިންފާދީއާއިއެވެ. ޗައިނާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، މަހުގެ ބާވަތްތައް ވިއްކާ އެ ބާޒާރުގައި ބޭނުން ކުރާ ކަޓިންގް ބޯޑުތަކުންވެސް ވައިރަހުގެ އަސަރު ވަނީ ފެނިފައެވެ. މިއާއެކު ސުޕަމާޓްތަކުގައި ވިއްކަން ހުރި ރޯމަހުގެ އުފެއްދުންތައް މިހާރު ވަނީ ނަގާފައެވެ. ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި، މި މާކެޓްގެ ޖެނެރަލް މެނޭޖަރުގެ އިތުރުން، ސަރަހައްދީ އިތުރު އޮފިޝަލުންތަކެއް މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
މި ވާހަކަތާ ގުޅިގެން ޑރ ރާޔަން ވިދާޅުވީ މަހުގެ ބާވަތްތައް ބަންދުކުރުމުގެ ތެރޭގައި ވައިރަސް ފެތުރިގެންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ 'ހައިޕޮތެސިސް' ނުވަތަ އިތުރަށް ދިރާސާކުރަންޖެހޭ ބުނުމެއް ކަމަށެވެ. ކަންމިހެން އޮތްއިރު ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) ގެ ޗީފް އެޕިޑޮމޮލޮޖިސްޓް ވަނީ، ބެއިޖީންގްގައި މިހާރު ފެތުރެމުންދާ ވައިރަހަކީ، ޗައިނާގެ އެހެން ސަރަހައްދުތަކުގައި ފެތުރެމުންދާ ވައިރަހާ ތަފާތު ވައިރަހެއް ކަމަށް ވިދާޅުވެފައެވެ.
މިއާއެކު ޑަބްލިއުއެޗްއޯއިންވަނީ ބެއިޖީންގްގައި ފެތުރެމުންދާ ވައިރަހުގެ ޖެނެޓިކް ސީކުއަންސް ހިއްސާކޮށްދިނުމަށް ޗައިނާއަށް ގޮވާލާފައެވެ.
ބެއިޖީންގްގައި ފެތުރެމުންދާ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ޝިންފާދީ ބާޒާރު ބަންދު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މެއި މަހުގެ ފަހުކޮޅުން ފެށިގެން އެ ބާޒާރަށް ޒިޔާރަތް ކުރި 2 ލައްކައެއްހާ މީހުންނާ 'ކޮންޓެކްޓް' ކޮށްފައިވާއިރު، ވޮލަންޓިއަރުން ދަނީ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ހުން ބެލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
ވައިރަހުގެ ކްލަސްޓާތަކާ ގުޅޭ ބާޒާރު ހިމެނޭ ސަރަހައްދުގެ އަވަށްތަކަށް އިއުލާން ކުރި ލޮކްޑައުންގެ މުހުލަތު 21 ދުވަހަށް ވަނީ އިތުރު ކޮށްފައެވެ. ބެއިޖީންގްއިން ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގެ އަސަރު ފެންނަން ފަށާފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފުރަތަމަ ރާޅުގެ ގަދަ އޮއެގަނޑުން ސަލާމަތްވެ، އާ އާންމު ހާލަތުގައި ދިރިއުޅުން އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހަބަރު ލިޔަން ދަސްކުރަން ފެނޭ.