އެމެރިކާގެ ފެޑެރަލް ގަވަމަންޓްއިން ކަނޑައަޅާފައިވާ ގާނޫނާ ހިލާފުވެ މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރުމަށް އެމެރިކާއިން ނިންމާފައިވާކަމަށް އެމެރިކާގެ އަދުލު އިންސާފާ ބެހޭ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ފެޑެރަލް ގާނޫނުގެ ތެރެއިން މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ. ފެޑެރަލް ގާނުނާ ހިލާފުވާ ފަރާތްތަކުގެ ތެރެއިން އެ ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރަން ގަސްތު ކުރައްވާ ކަން، އެމެރިކާގެ އެޓާނީ ޖެނެރަލް ބިލް ބާ އިއުލާން ކުރެއްވީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

މިފަދަ ޖިނާއީ މައްސަލަތަކުގައި އެމެރިކާއިން މަރުގެ ހުކުމް ތަންފީޒު ނުކުރާތާ މިހާރު 17 ވަރަކަށް އަހަރު ވެފައިވާއިރު، 1988 ވަނަ އަހަރު އެމެރިކާގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކަނޑައެޅި ފަހުން، ފެޑަރަލް ގާނޫނުގެ ތެރެއިން އެ ގައުމުގައި މިހާތަނަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ އެންމެ 3 ފަހަރުއެވެ.

ގަސްތުގައި މީހުން މަރާފައިވާ 5 ގާތިލެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހާ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، އެމެރިކާގެ ސުޕްރީމް ކޯޓުން އޭރު މި ކަމަށް ހުރަސް އެޅީ، އިސްތިއުނާފީ ކޯޓުން ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެއެވެ. އަދި އިސްތިއުނާފީ ކޯޓުން މި ހުކުމައިގެން ކުރިއަށް ދިއުމަށް އޭޕްރިލް މަހު ނިންމިއެވެ.

ބާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާތިލުންގެ ރަހުމުކުޑަ އަމަލުގެ ޝިކާރައަކަށްވީ މީހުންގެ ހައްގުގައިވެސް މިއީ ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އެމެރިކާގައި ފެޑެރަލް ގާނޫނުގެ ދަށުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނެރެފައިވާ އަމުރާއެކު، ޖަލުތަކާ ބެހޭ ބިއުރޯއިންވަނީ މަރުގެ އިއްވާފައިވާ މީހުންގެ މައްޗަށް ހުކުމް ތަންފީޒު ކުރާނެ ތާރީހުތައް ޖުލައި 13 ވަނަ ދުވަހާ އޯގަސްޓް 28 ވަނަ ދުވަހާ ދެމެދު ފާއިތުވާ މުއްދަތަށް ތާވަލު ކޮށްފައެވެ.

އެމެރިކާގައި މަރުގެ ހުކުމް ތަންފީޒު ކުރަނީ 'ލީތަލް' އިންޖެކްޝަން ޖަހައިގެންނެވެ.