ދަރިވަރުން ސްކޫލަށް ދާއިރު އަޅާ މާސްކަކީ ޔުނިފޯމްގެ ބައެއް ގޮތަށް ދެކެވަޑައިގަންނަވާ ކަމަށް އޭޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވާލާއިރު ޓީޗަރުންނާއި، ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ވެސް ސްކޫލުގެ ގޯތި ތެރެއަށް ވަދެވޭނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ދަރިވަރުން މާސްކު އަޅާއިރު އެ މާސްކް އަކީ ޔުނީފޯމްގެ ބައެއްގެ ގޮތުގައި ބައްލަވާނެ ކަމަށެވެ.

ދެ ވައްތަރެއްގެ މާސްކު ބޭނުންކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކުރެއެވެ. އެއީ ސާޖިކަލް މާސްކު ނުވަތަ ފޮތި މާސްކެވެ. ޑރ. އައިޝަތު އަލީ ބާރުއަޅުއްވަނީ ދަރިވަރުން ފޮތި މާސްކު ބޭނުން ކުރުމަށެވެ. އަދި ފޮތި މަށްކް ދަރިވަރުންނާއި ބެލެނިވެރިން ތައްޔާރު ކުރާގޮތަށް ނިްމާފައިވާ ކަމށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ ގޮތުން ކޮންމެ ސްކުޅަކަށްވެސް ފޮތި މަށްކް ތައްޔާރު ކުރާނެ ގޮތުގެ ތަފްސީލް ހަވާލުކޮށްފައި މިހާރު ވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސްކޫލަތައް ހުޅުވުމުން ސްކޫލްތަކަށް ކުދިން ވައްދާނީ ސްކޫލްގެ ގޭޓް ކައިރިން ކުއްޖާގެ ހުން ބެލުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލަށް ހާޒިރުވާ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން ތިބެންވާނީ މާސްކަ އަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައި ފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ކޮވިޑް-19 އިން އަރައިގަތުމަށް މިހާރު ސަރުކާރުން ލުއިތައް ދެމުން ދާއިރު ސްކޫލްތައް ހުޅުވައިގެން ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.