ކޮވިޑް ނެތް ރަށްރަށުގެ ރާއްޖޭގެ ސްކޫލުތައް ޖުލައި 1 ގައި ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކޮވިޑް ނެތް ރަށްރަށުގެ ސްކޫލަތައް ޖުލައި 1 ގައި ހުޅުވަން ހަމަޖައްސާފައިވާ ކަމަށާއި އެ ސްކޫލްތަކުގައި ކިޔައިވައި ދޭން ހަމަޖައްސާފައި ވަނީ ގްރޭޑް 1 އިން ފެށިގެން ކަމަށެވެ. އަދި ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ކުދިން ސްކޫލަށް ދާއިރު ދާން ޖެހެނީ މާސްކް އަޅައިގެން ކަމަށާއި މާސްކް އަކީ ޔުނީފޯމްގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ސްކޫލްތަކަށް ކުދިން ގެންދާ އިރު ގެއިން ނާސްތާ ދީފައި ފޮނުވުމަށް ސަމާލުކަން ދިނުމަށްވެސް މިނިސްޓަރު ފާހަގަކުރައްވާ ވިދާޅުވީ ކޮވިޑްގެ ކުރިން ދެމުން އައި ހެނދުނުގެ ނާސްތާ މި ދުވަސްކޮޅު މެދުކަނޑާލަން ނިންމާފަައިވާ ކަމަށެވެ.

ނިއު ނޯމަލްއަށް ދިއުމަށް މަސައްކަތް ކުރަން ސްކޫލްތައް ހުޅުވާލާއިރު، ތިން ހާލަތަކަށް ބަލާފައި ސްކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެއީ ފުލް ލޮކްޑައުންގައިވާ ރަށްރަށުގެ ސްކޫލްތައް ނުހުޅުވުމަށާއި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ ސްކޫލްތައް ގްރޭޑް 9 އިން 12 އާ ދެމެދު ކިޔަވައިދޭ ގޮތަށް ހުޅުވުމަށާއި ކޮވިޑް ނެތް ރަށްރަށުގައި ގްރޭޑް 1 އިން ފެށިގެން 12 އާ ދެމެދު ސްކޫލްތައް ހުޅުވުމަށް ކަމަށް އެޑިއެކޭޝަނުން ބުނެއެވެ.

ނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލަުވުމުގައި ފަހުން މިނިސްޓަރު ވަނީ މާލޭގެ ސްކޫލަތައް ވެސް ހުޅުވަން ނިންމާފައިވާ ކަމަށް ވިދާލުވެފައެވެ. އެގޮތުން ޖުލައި އެކަކުން ފެށިގެން ގްރޭޑް 9 އިން 12 އާ ދެމެދުގެ ދަރިވަރުން ސްކޫލަށް ކިޔަވަން ދާން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލްތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައި ފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ކޮވިޑް-19 އިން އަރައިގަތުމަށް މިހާރު ސަރުކާރުން ލުއިތައް ދެމުން ދާއިރު ސްކޫލްތައް ހުޅުވައިގެން ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އަދި އެފަދައިން ސްކޫލްތައް ހުޅުވޭ އިރު ހުރިހާ ސްކޫލްތަކެއްގައި ކުދިންނަށް އަތް ދޮވެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ. އެގޮތުން ސްކޫލްތައް ހުޅުވެން ވާއިރަށް 500 އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި އާއި 500 ތާމޯމީޓަރު ހޯދަން ދާދި ފަހުން އެޑިއުކޭޝަނުން ވަނީ އިއުލާން ކޮށްފައެވެ.