ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން ވިޔަފާރިތަކަށް ޑެލިވެރީކުރުމަށް ދެވިފައިވާ ވަގުތު މިއަދުން ފެށިގެން ރޭގަނޑު 10 އަކަށް ހަމަޖެއްސުމުން އެކަމާ މެދު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސުވާލު އުފައްދަވައިފިއެވެ.
އިމްތިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކެފޭ ރެސްޓޯރަންޓް ތަކުން ދެމުން އައި ހިދުމަތަށް ބަދަލުތަކެއް އައިސް ޑެލިވަރީ ކުރާ ގޮތަށް ހަމަޖެހިފައި އޮތުމަކީ އެ ފަރާތްތަކަށް ލިބެމުންދާ މާލީ ގެއްލުން ތަކުން އަރިގަތުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. ނަމަވެސް ލުއި ދިނުމުގެ މަރުހަލާގައި އެ ފުރުސަތު ފުޅާކޮށް ދެއްވެން އޮތް ދަނޑިވަޅުގައި ޑެލިވެރީ ކުރުމަށް ދީފަިއވާ ވަގުތު ރޭގަނޑު 10 އަކަށް ލިމިޓް ވާ ގޮތަށް ހަމަޖެއްސީ ކީއްވެތޯ އައްސަވާ އިމްތިޔާޒް ސުވާލު ކުރެއްވިއެވެ.
ހަމައެއާއެކު ރޭގަނޑު 10 އަކަށް ވުރެ އަދި ތަންކޮޅެއް ލަސްކޮށް ނުދެވެނީ ވަކި ސަބަބެއް އޮތީމަ ތޯ އައްސަވާ އޭނާ ވަނީ އެ ޓްވީޓުގައި އެޗްޕީއޭ ޓެގްވެސް ކުރައްވާފައެވެ.
ކުރިން ރޭގަނޑު 11 ޖެހުމާ ހަމައަށް ވިޔަފާރި ކުރާ ތަންތަނުންނާއި ކެފޭ ރެސްޓޯރަންޓް ތަކުން ޑެލިވަރީ ކުރެވޭ ގޮތަށް އޮތް ނަމަވެސް ރޭ އެންއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ޑެލިވަރީ ކުރެވޭނީ ރޭގަނޑު 10 ޖެހުމާ ހަމައަށް ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ސަބަބުން ކެފޭ ރެސްޓޯރެންޓްތަކަށް ކަސްޓަމަރުން ގޮސްތިބެ ކައިބޮއެ ހެދުން މެދުކަނޑާލާ، ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ދިނުމަށް އެޗްޕީއޭން އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން ޓޭކްއަވޭގެ ހިދުމަތް ވަނީ މެދުކަނދަލާފައެވެ. އެހެންކަމުން ލުއި ދިނުމުގެ މި މަރުހަލާއާ ހަމައަށް އެތަންތަނުން ދެމުން އައި ޑެލިވަރީގެ ހިދުމަތް އެކަންޏެވެ.
އަސްތާ އެންގްރީބާރޑް އޮރިކައްޕިތާނު ހެވިފަ! މީ ހުވަފެނެއްތަ އަނެއްކާ؟