ލ. ގަމުން ގޯތި ދޫކުރަން އިއުލާން ކުރުމުން ގޯތި ހޯދަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި ފޯމަށް ޕޮއިންޓް ދީފައި ވާނީ ރަނގަޅަށް ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ގަމު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، އެ ބަޔާނަކީ ޖީހާނަށް ޕޮއިންޓް ދީފައިވާ ގޮތާ މެދު ދެކެވެމުންދާ ހަގީގަތާ ހިލާފް ވާހަކަތައް ސާފުކޮށް ދިނުމަށް ނެރުނު ބަޔާނެއް ކަމަށެވެ. އެ ގޮތުން ޖީހާނަށް ޕޮއިންޓް ދީފައި ވަނީ ރަނގަޅަށް ކަމަށް ކައުންސިލުން ބުނެއެވެ.

ޖިހާން ހުށަހެޅި ފޯމު އިވެލުއޭޓް ކުރުމަށް ފަހު އެ ކައުންސިލުން ބަލާފާއިވާ ކަންތައްތަކުގެ ތެރެއިން ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައި ވަނީ އެ ކައުންސިލްގެ ގޯތި އިވެލުއޭތް ކުރާ ކޮމެޓީން ކަނޑައަޅާފަިއވާ މިންގަނޑުތަކަށް ކަމަށް ކައުންސިލުން ބުނެއެވެ. އެ ގޮތުން ރަށުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި ރަށުން ބޭރު މީހެއް ގޯއްޗަށް އެދިފައިވާ ނަމަ އޭނާ އިނދެގެން އުޅެނީ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ދެމަފިރިންނަށް ލިބިފައިވާ ދަރިން ގަމުގައި ރަށްވެހިވެފައިވުން ހިމެނެއެވެ. މިފަދަ މީހުން ރަށުން ބޭރުގައި ދިރިއުޅުނަސް ގަމުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް ދިނުމަށް އެ މިންގަނޑުގައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެހެންކަމުން ޖީހާނަށް ޕޮއިންޓް ދިނުމުގައި ވެސް ބަލާފައިވާނީ އެ އުސޫލަށް ކަމަށް ކައުންސިލުން ބުނެއެވެ.

ގަމުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމު ކުރި އިރު އެ ލިސްޓުގައި ޖީހާންގެ ނަން އޮތުމުން، ޖީހާނަށް ގަމުން ގޯތި ލިބުނު ގޮތާމެދު ސުވާލު އުފެދި ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ. ޝަކުވާ ކުރި ފަރާތްތަކުން ވަނީ ގައުމުގައި ދިރިއުޅޭ މީހުންނާ ޕޮއިންޓް ދޭ ބައިން ޖީހާނަށް 10 ޕޮއިންޓް ލިބިވަޑައިގެންފައި ވަނީ ކިހިނެއްތޯ އަހާފައެވެ. އަދި ޖީހާނަށް ގަމުން ގޯއްޗެއް ލިބުނު މައްސަލަ ބޮޑުވުމުން ޖީހާން ވަނީ އެ ގޯތި ދޫކޮށްލައްވާފައެވެ. އަދި އޭނާއަށް ޕޮއިންޓް ދެވިފައިވާ ގޮތް ސާފުކޮށްދެއްވުމަށް އެދި ޖީހާން ވަނީ ގަމު ކައުންސިލަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

ޖީހާނަށް ގަމުން ގޯއްޗެއް ލިބިވަޑައިގެންނެވި އިރު، ޖީހާންގެ ފިރިކަލުންނަކީ ގަމު ރަށްވެއްސެކެވެ. އަދި ދެމަފިރިންްގެ ދެކުދިންވެސް ވަނީ ގަމުގައި ރަޖިސްޓާ ކޮށްފައެވެ. ޖީހާންއަށް ލިބިވަޑައިިގެންފައި ވަނީ 71 ޕޮއިންޓެވެ.

ޖެެހގަމުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، ގޯއްޗަށް އެދި 1،400 އެއްހައި މީހުން ފޯމް ހުށަހަޅާފައިވެއެވެ. ނަމަވެސް މި ބުރުގައި އެރަށުން ދޫކޮށްފައި ވަނީ 400 ގޯއްޗެވެ.