ކަނޑުމަތީ އުޅަނދުފަހަރުގެ ކައްޕި އަދި ފަޅުވެރިން މަސައްކަތު ވަގުތުތަކުގައި ތިބެންވާނީ މާސްކް އަޅައިގެން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމާއެކު އާންމު ހާލަތަށް ރުޖޫއަވުމަށް ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، މި ބަލި ފެތުރުން މަދުކުރުމަށްޓަކައި ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ހުރިހާ ފަރާތަކުން އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ކަނޑުމަތީ އުޅަނދުފަހަރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރަންޖެހޭގޮތުގެ އުސޫލެއް އެޗްޕީއޭއިން އިއްޔެ ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނާގޮތުގައި އުޅަނދު ދުއްވާ މީހާއާއި ފަޅުވެރިން ތިބެންވާނީ ރައްކާތެރިވުމުގެ ގޮތުން މާސްކް އަޅައިގެން ކަމަށެވެ.
އުޅަނދު ދުއްވާ ފަރާތާއި ފަޅުވެރިންގެ ސިއްހަތާއި އަމިއްލަ ސާފުތާހިރުކަން ދެމެއްހެއްޓުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކުގައި ބުނާގޮތުގައި ކޮވިޑްގެ އަލާމާތެއް ހުރިނަމަ މަސައްކަތަށް ނުނިކުތުމަށާއި އަދި ގޭގައި އެކަހެރިވެހުރެ ސުޕަވައިޒަރަށް އަދި ކަމާބެހޭ ފަރާތަށް އަންގާ މައުލޫމާތު ދޭން ޖެހެއެވެ. މާސްކް އަޅައިގެން ހުރުމާއި މާސްކް އެޅުމުގައި އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ބުނެއެވެ. ހަމައެއާއެކު މަސައްކަތުގެ ހުރިހާ ވަގުތެއްގައި ސާފުތާހިރު ހެދުމެއްގައި ސާފުތާހިރުކޮށް ތިބުމަށާއި މަސައްކަތު ގަޑީގައިވެސް އެހެން މުވައްޒަފުންނާ މަދުވެގެން 3 ފޫޓު ގެ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ބުނެއެވެ
މީގެ އިތުރުން ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ގިނަގިނައިން އަތް ދޮވުމާއި އަތުގައި އެއްވެސް އެއްޗެއް ހޭކިހަޑިވެފައި ނުވާނަމަ ސެނިޓައިޒާ ބޭނުންކުރެވިދާނެ ކަމާއި ތަންތަނުގައި އަތްލުމަށްފަހު އަތް ސާފުނުކޮށް ނޭފަތާއި އަނގަޔާއި ލޮލުގައި އަތްލުމުން ދުރުހެލިވުމަށް އެ އޫސޫލުގައި ވެއެވެ. އަދި ޑިއުޓީގަޑި ނިމުމުން، ލައިގެން ހުރި ޔުނިފޯމް ނުވަތަ ހެދުން، ގެއަށް ގޮސް ބަދަލު ކޮށް އެއެއްޗެތި ދޮވެގެން ނޫނީއަލުން ބޭނުން ނުކުރުމަށާއި އުޅަނދު ސާފުކުރުން ފަދަ ކަންކަމަށް އަންގި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި އަންގި ބާލާ ޑަސްބިނަކަށް ލުމާއި އަންގި ބޭލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށް ވެސް އެ އުސޫލުގައި ވެއެވެ.
އުޅަނދު ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގައިި ކަންކުރަން ޖެހޭ ގޮތުގެ އުސޫލުތައް ބުނާގޮތުގައި، ދުވާލަކު މަދުވެގެން 2 ފަހަރު އުޅަނދުގެ އެތެރޭގާ ގިނައިން އަތްލެވޭ ތަންތަން ސައިބޯނި ފެންފޮތި ނުވަތަ އުޅަނދު ސާފުކުރުމަށް ބޭނުންކުރާ ޑިޓާޖެންޓެއް ބޭނުކޮށްގެން ރަނގަޅަށް ސާފުކުރުން ހިމެނެއެވެ. ކޮންމެ ދުވަހެއްގެ ދަތުރުތައް ނިންމުމަށްފަހު އުޅަނދުގެ އެތެރެއާއި ބޭރު ޑިޓާޖެންޓެއް ބޭނުންކޮށްގެން ރަނގަޅަށް ދޮވެ ސާފުކުރުމާއި އުޅަނދު ޑިސްއިންފެކްޓްކުރާ ކެމިކަލެއް ނުވަތަ 70 ޕަސެންޓް އެލްކޮހޯލް ހިމެނޭ ޑިސްއިންފެކްޓެންޓެއް ބޭނުންކޮށްގެން އެތެރެއާއި ދޮރުފަތް ޑިސްއިންފެކްޓް ކުރުން ހިމެނެއެވެ.
އަދި ހޮޑު/ކުޅު ފަދަ އެއްޗެހި އުނގުޅިފައި/ހޭކިފައި ހުންނަ ތަން އަންގި ލައްވައިގެން ޓިޝޫ ފަދަ އެއްޗަކުން ފުހެލުމަށްފަހު ސައިބޯނި ފެނުން ރަނގަޅަށް ސާފުކުރުމަށާއި އުޅަނދު ސާފުކުރުމަށްފަހު ރަނގަޅަށް އަތް ސާފުކުރުމަށާއި ސާފުކުރުމަށް ބޭނުންކުރާ ތަކެތި އުޅަނދުގައި އަބަދުވެސް ބެހެއްޓުންމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.