ހުޅުމާލޭ ދެވެނަ ފިޔަވަހިން ޕާކިސްތާން ހައި ކޮމިޝަނަށް ބިން ދޫކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ގާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވާ ކަމަށެވެ. ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައި ވަނީ މިކަމަށްޓަކައި ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޕާކިސްތާން ހައިކޮމިޝަނަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެ ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑެޒިގްނޭޓް އާތަރް މުހްތާރު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މާލޭގައި ގާއިމްކޮށްފައި ހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

ކުރީ ސަރުކާރުން ވަނީ ޕާކިސްތާނަށް ހައިކޮމިޝަން ގާއިމްކުރުމަށް 3000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައެވެ. ނަމަވެސް، މިސަރުކާރުން ވަނީ 12000 އަކަފޫޓުގެ ބިމަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން މީގެ ދެގުނަ ބޮޑު ބިމެއް ރާއްޖެއަށް ދޭނެކަމަށް ޕާކިސްތާން ސަފީރު މިއަދު ވަނީ ވިދާޅުވެފައެވެ.