ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަސްތަރަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީ އެކްޓިވިސްޓް "ޖޯރޭ" އެމަނިކުފާނާ ދިމާއަށް ގޮވީ "ބާޣީ" ނޫން ކަމަށާއި، އެކަމާ ގުޅުވާ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރީ ބޭކާރު މަސައްކަތެއް ކަމަށް ޑރ ވަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ވަހީދު ވިދާޅުވީ، އެމްޑީޕީ އެކްޓިވިސްޓް އެމަނިކުފާނާ ދިމާއަށް ގޮވީ، "ހަރާމް ބަކަރި"، "ގައުމު ބަނޑުއަޅާލި ވަގު" ކަމަށެވެ. އަދި އޭނާ (ޖޯރޭ) ޑރ. ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ހަށިކޮޅާ ދާދި ގާތަށް ކައިރި ވި ކަމަށެވެ.
ޑރ. ވަހީދަށް އެމްޑީޕީ އެކްޓިވިސްޓް ފުރައްސާރަ ކުރި މައްސަލަ ޑރ. ވަހީދުގެ ފަރާތްޕުޅުން ފުލުހަށް ހުށަހެޅުމާއި، އެމަނިކުފާނަށް ފުރައްސާރަ ކުރި ވާހަކަ ސޯޝަލް މީޑިއާގައި ހާމަ ކުރެއްވުމުން މައްސަލަ ހޫނުވެ، އެމްޑީޕީގެ ލީޑާޝިޕުން ވަނީ "ޖޯރޭ" ދިފާއުކޮށް، ޑރ. ވަހީދު އިތުރުފުޅު ހައްދަވަނީ ކަމަށް ވިދާޅުވެ ބަޔާން ނެރެފައެވެ.
ކުރީގެ ރައީސް ޑރ. ވަހީދަށް އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުން މީހަކު ހަމަލާދީފައި ވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތަކެއް ޑރ ވަހީދު ފެތުރުއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު "ބަޣާވާތަކުން" ވައްޓާލައި ވެރިކަމަށް ވަޑައިގެން ރައީސް ވަހީދު ވަނީ އޭގެ ފަހުން މަގުމަތީގައި އިހުތިޖާޖު ކުރި އެތައް ރައްޔިތަކަށް ނުހައްގުން އަނިޔާކޮށްފައި ކަމަށެވެ.
މިމައްސަލައިގައި މިއަދުގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވަނީ ފާޅުކަން ބޮޑުގޮތެއްގައި ރައީސް ވަހީދަށް އިޝާރާތް ކޮށް "ބާޣީ" އާއި "ކާޅު" ލަފްޒު ބޭނުން ކުރައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ރައީސް ވަހީދަށް "ކާޅޭ" ކިޔަނީ ކަޅުވެގެން ނޫން ކަމަށާއި، އެއީ ގަދަކަމުން ޖަހައިގަތީމައި ކިޔާ އެއްޗެއް ކަމަށެވެ. މީގެ އިތުރުންވެސް ގިނަ މެންބަރުން ވަނީ ޑރ. ވަހީދުގެ އިސްތަށިފުޅުގައި "ބާޣީ" ގެ ލަގަބު އަޅުވާފައެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެނަމިކުފާނު ވިދާޅުވީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާގައި މިހާތަނަށް ކުރި ތަހުގީގުން އޭރު ރައީސް ނަޝީދުގެ ނައިބް ރައީސް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ "ބަޣާވާތް ކުރައްވައިފައިވާ ބޭފުޅެއްކަން" ނިންމިފައި ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައި ބަޣާވާތެއްގެ ގޮތުގައި ފާހަގަ ވެއްޖެ ނަމަ އެ ބަޣާވާތުގައި އިސްކޮށް ހުރި މީހާ އަކީ ބާޣީއެއް ކަމަށެވެ.
ޑރ. ވަހީދާއި އަނބިކަނބަލުންނަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ފުރައްސާރަ ކުރަމުން ދިޔަ ނަމަވެސް ޑރ. ވަހީދު މިއަދުވެސް ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެންނެވިއެވެ.
ތިހުރިހާމެންބަރުންވެސް ގިޔާމަތް ދުވަހު ކަލޭމެންގެ ސަވާބު ވަހީދުއަށް ދީ އޭނާއައް ކޮއްފަވާގޯނާގެ ބަދަލުދެއްވާނެ. ﷲއެއީ އެންމެ މޮޅަށް ހިސާބު ބައްލަވާ ރަސްކަލާންގެ. ނަޝީދު އިސްތިއުފާދިނީ އަމިއްލައަށް!