5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައި 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ ޓީމުތަކުން ރެއިން ސުރެ ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލީ ހުޅުމާލެއިން ކަމަށެވެ.

ހުޅުމާލެއިން އަތުލި މަސްތުވާތަކެތީގެ ބަރުދަނުގައި 6.8 ކިލޯ ހުރި ކަމަށާއި، އެއީ ކެނަބިސް ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާ 3 ދިވެހިން ހައްޔަރު ކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރޭ ހުޅުމާލެއިން އަތުލި މަސްތުވާތަކެތީގެ މޫނުމަތީ އަގަކީ 5.6 މިލިއަން ދިވެހި ރުފިޔާއެވެ.

ރާއްޖެއަށް މަސްތުވާތަކެތި ފަސޭހައިން އެތެރެ ވެ، އެތަކެތި އެއްރަށުން އަނެއް ރަށާ ހަމައަށް ފަސޭހަ ކަމާއެކު ފޯރަމުން ދާ ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ މުއައްސަސާތަކާއި ފުލުހާއި، ކަސްޓަމާއި އެމްޕީއެއް ފަދަ ފާރަވެރި މުއައްސަސާތަކުން ފާރަލަމުން ދާއިރުވެސް ރާއްޖެއަށް ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެ ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މަސްތުވާތަކެތިން ގައުމު ސަލާމަތްކުރަން އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އެތަކެތި ރާއްޖެ އަށް ވަންނަ ދޮރުތައް ބަންދުކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ. އަދި އެ ދޮރުތައް ބަންދު ކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރާ ކަމަށް ޑިސެމްބަރު 14، 2019 ގައި ރައީސް ވިދާޅުވިއެވެ.