ބޮޑު ޗުއްޓީއަށް ދިއުމަށް ދެކެމުންދާ ފޮނި ހުވަފެންތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލަން ޖެހޭ ކަމަށާ، މިއަދު ދުނިޔެ ދެކެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން އަރައިގަނެވި، އާންމު ހާލަތަކަށް ރުޖޫއަވާން އަދި އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާ އިސް ޑޮކްޓަރެއް ކަމަށް ޑރ އެންތަނީ ފައޫޗީ ވިދާޅުވެއްޖެއެވެ.

ޑރ ފައޫޗީއަކީ އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑައިރެކްޓަރެވެ. އަދި ކޮވިޑް-19އާ ގުޅިގެން ވައިޓްހައުސްއިން އެކުލަވާލާފައިވާ ޓާސްކްފޯހުގެ މެމްބަރެއްވެސް މެއެވެ.

އިނގިރޭސި މީޑިއާއަށް މައުލޫމާގު ދެއްވަމުން މިފަދަ ރޫހެއްގައި ޑރ ފައޫޗީ ވާހަކަދައްކަވާފައި ވާ މި ދަނޑިވަޅަކީ، އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ދަނޑިވަޅެކެވެ.

ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު އެމެރިކާގެ 18 ސްޓޭޓަކުން ބަލި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. މީގެ ތެރެއިން 6 ސްޓޭޓަކުން ކޭސް ރިޕޯޓްކުރި މިންވަރު ވަނީ 50 ޕަސެންޓަށްވުރެ އިތުރުވެފައެވެ. މިއާއެކު އެމެރިކާގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ، ކޮވިޑް-19އާ ގުޅިގެން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ދެމުންދިޔަ ލުއި ދިނުންތަކަށް ވަގުތީ ހުއްޓުމެއްވެސް ގެނެސްފައެވެ.