އައިޖީއެމްއެޗަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓު ގަތުމުގައި މުވައްޒަފުން މެދުވެރިވެ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އައިޖީއެމްއެޗަށް ތަކެތި ގަތުމުގައި އެ ހޮސްޕިޓަލުގެ އިސް މުވައްޒަފެއް މެދުވެރިވެ ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތުތަކެއްކޮށް، ފޮޓޯއާ އެކު އިއްޔެ ވަނީ ސޯޝަލްމީޑިއާގައ އާއްމުކޮށްފައެވެ. މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ މުވައްޒަފުންގެ ފޮޓޯ ޖަހައި ފަތުރަމުންދާ ވާހަކަތަކުގައި ހަގީގަތެއް ނެތް ވަރަށް ހިތާމަވެރި އަމަލެއް ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ މެޑިކަލް އިކުއިޕްމެންޓްސް އާއި ކޮންސިއުމަބްލްސް ހޯދުމުގައި އަމަލުކުރަމުން އަންނަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި މި ނޫން ގޮތަކަށް ކަމެއް ހިނގާ ނަމަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ ކޮރަޕްޝަން ހުއްޓުވާ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ބަނީ މުވައްޒަފުން ބަދުނާމުވެ އަބުރު ގެއްލޭ މިފަދަ ވާހަކަތައް ހޮސްޕިޓަލްގެ ބަހެއް ނެތި، ކޮރަޕްޝަންގެ ތުހުމަތުކޮށް ބައެއް މީޑިއާތަކުން ހަބަރު ރިޕޯޓް ކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.