ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުން މީހަކު ހަމަލާދީފައިވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު "ބަޣާވާތަކުން" ވައްޓާލައި ވެރިކަމަށް ވަޑައިގެން ރައީސް ވަހީދު ވަނީ އޭގެ ފަހުން މަގުމަތީގައި އިހުތިޖާޖު ކުރި އެތައް ރައްޔިތަކަށް ނުހައްގުން އަނިޔާކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ މަގުމަތީގައި މީހަކާ ދެމެދު ކުރެވުނު ޒުވާބަކާ މެދު ހިތްހަމަޖެހިވަޑައިނުގެން، ރައީސް ވަހީދަށް "ޖިސްމާނީ ހަމަލާއެއް" އެ އާންމު މީހާ ދީފައިވާ ކަމަށް ދޭހަވާ އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް ރައީސް ވަހީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ހުށަހެޅުއްވި އެ ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ 33 މެންބަރުންގެ ވޯޓުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު، މިހާރު މަޖިލީހުގައި ދަނީ އެ މައްސަލައަށް ބަހުސް ކުރަމުންނެވެ.

އިއްޔެ ހެނދުނު ރައީސް ވަހީދާއި، އެމަނިކުފަނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަ ކުރި ކަން މީޑިއާއަށް ތިލަވެގެން ދިޔައީ އެމަނިކުފާނު ކުރެއްވި ޓްވީޓަކުންނެވެ. އެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލުކޮށް ރައީސް ވަހީދުގެ އޮފީހުން ނެރުނު ބަނާނެއްގައި ބުނީ އިއްޔރ ހެނދުނު 6:30 ހާއިރު ރައީސް ވަހީދާއި އަނބިކަނބަލުންނަށް އަނގަބަހުން ފުރައްސާރަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށެވެ.

އެވަގުތު ރައީސް ވަހީދުގެ، އެމްއެންޑީއެފް ސެކިއުރިޓީން އެ މައްސަލަ ފުލުހަށް ރިފޯޓް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ވަނީ އެމްޑީޕީގެ އެ އެކްޓިވިސްޓް، ރައީސް ވަހީދުގެ ދެކަނބަލުންގެ ހަށިކޮޅަށް އަތްލައި ހަމަލާ ދީފައި ނުވާ ކަމަށާއި ނަމަވެސް ފުރައްސާރަ ކުރި މީހާ ހުރީ އަތް ޖެހޭގައި ގާތުގައި ކަމަށެވެ.

ރައީސް ވަހީދުގެ އޮފީހުން އެ މައްސަލަ ކުއްވެރިކޮށް ބުނެފައި ވަނީ ފުރައްސާރަ ކުރުމުގެ އެފަދަ މައްސަލަތަކަކީ ހަމަލާއެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.