މާލެއިން ރަށްރަށަށް ދަތުރުކުރާ މީހުން ރަށްރަށުގައި ހޯމް ކަރަންޓީނު ވުމަށްފަހު، އެމީހުންން ދޫކޮށްލާނީ ކޮވިޑް ހުރިތޯ ބެލުމަށް ޕީސީއާރް ޓެސްޓެއް ހެއްދުމަށް ފަހު ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ނިންމައިފިއެވެ.
ޓެގް އިން މިހެން ނިންމާފައިވާއިރު އެ ގްރޫޕުން ވަނީ ހޯމް ކަރަންޓީނުވާ މުއްދަތުވެސް 24 ދުވަހުން 14 ދުވަހަށް ބަދަލުކޮށްފައެވެ. އެގޮތުން، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޓެގް ޓީމުން ނިންމާފައި ވަނީ ކަރަންޓީނު ވާތާ 14 ދުވަސް ވުމުން، ޕީސީއާރް ޓެސްޓު ހަދައި، ނަތީޖާ ނެގެޓިވްވާ މީހުން ދޫކޮށްލުމަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ މިހާރުގެ ތަޖުރިބާއަށް ބަލާއިިރު، އެފަރާތްތަކުގެ ސާމްޕަލް ނެގޭނެ ކަމަށް އަންދާޒާ ކުރެވެނީ ކަރަންޓީނު ކުރާތާ 15 ވަނަ ދުވަހު ކަމަށެވެ. އަދި 15 ވަނަ ދުވަހު ނަގާ ސާމްޕަލްގެ ނަތީޖާތައް 18 ވަނަ ދުވަހު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ޖެހޭ އިރު، މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ލަސްތަކެއް އައުން އެކަށީގެންވާ ކަމަށެވެ.
ކުރިން އެންއީއޯސީން ބުނެފައިވާ ގޮތުގައި ދެން ހަށިގަނޑުގައި ކޮވިޑްގެ އަސަރު ހުރިތޯ ބެލުމަށް ހަދާ ޓެސްޓް، ޕީސީއާރު ޓެސްޓު ހަދާނީ ވައިރަސް ޖެހިފައި ހުރި ފަރާތަކާ ސީދާ ދިމާވެފައިވާ ފަރާތްތައް އެކަންޏެވެ. އެންއީއޯސީން ކުރިން ނިންމީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ވެސް އަދި ރަށްރަށުގައި ކަރަންޓީން ކުރާ މީހުން ވެސް ބަލި ޖެހިފައިވޭތޯ ބެލުމަށާއި އެންޓިބޮޑީސް ހުރިތޯ ބެލުމަށް ސެރޯލޮޖީ ޓެސްޓު ހެދުމަށެވެ. އެހެންކަމުން ހޯމް ކަރަންޓީނުވުމަށް މީހުން ރަށްރަށަށް ފޮނުވާއިރުވެސް ހަދަނީ ސެރޯލޮޖީ ޓެސްޓެވެ.
ސެރޯލޮޖީ ޓެސްޓު ފަރުމާކޮށްފައި ވަނީ އެ ޕޭޝަންޓަކީ ކޮވިޑް-19 ޖައްސާ ވައިރަސް (ސާސް-ކޯވް-2)އަށް ހުށަހެޅިފައިވާ މީހެއްތޯއާއި، އެމީހެއްގެ ހަށިގަނޑުން އެ ވައިރަހާ ދެކޮޅަށް އެންޓިބޮޑީ އުފައްދާފައި ވޭތޯ ދެނެގަނެވޭ ފަދަ ގޮތަކަށެވެ. އެންޓިބޮޑީޒް އުފައްދާފައި ވާކަން ދެނެގަނެވުމަކީ، ވައިރަހާ ދެކޮޅަށް އެމީހެއްގެ ހަށިގަނޑުން ދިފާއު ހޯދާފައި ވާކަން އަންގައިދޭނެ ކަމެކެވެ. އެންޓި ބޮޑީޒް އަކީ، ވައިރަސް ޖެހުމުން އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ސެލްތަކުން އުފައްދާ ވައިރަސް ބަލިކޮށްލާ ޕްރޮޓީން އެކެވެ.