މާދަމާއިން ފެށިގެން ލޮކްޑައުނަށް ލުއި ދިނުމުގެ ގޮތުން ހުއްދައާ ނުލައި މާލެ މަގުމައްޗަށް ނުކުތުމުގެ ފުރުސަތު ފަހިވެގެން ދާތީ ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވެގެން ހިނގައިދާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަވީން ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުން ރިޕޯޓުކޮށްފައިވާ ވައްކަމާއި ފޭރުމާއި ބޮޑެތި ކުށްތައް މަދުކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުންނާނެތީ އެފަދަ މައްސަލަތައް ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަވީން ވިދާޅުވިއެވެ.

ގެއިން ބޭރަށް ނުކުންނަ އިރު ގެންގުޅޭ މުދާ، ސައިކަލާއި ފޯނު ފަދަ ތަކެއްޗަށް ސަމާލުވުމަށް ނަވީން ވިދާޅުވިއެވެ. އެގޮތުން ސައިކަލު ަމޑި ދަށުގައި ހުންނަ އެއްޗެހި ވަގަށް ނެގުމާއި ފޯނު ވަގަށް ނެގުމަކީ އެންމެ އާންމުކޮށް ފެންނަ ވައްކަމުގެ މައްސަލަތައް ކަމަށް ނަވީން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންނަށް ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް ވެއްޖިއްޔާ ލަސްނުކޮށް ވީ އެންމެ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ މީހުން މަގުމައްޗަށް ނުކުންނާނެ ކަމަށާއި ގިނަ އަދަދެއްގެ ދުއްވާ އުޅަނދުތައްވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން އުޅަނދު ދުއްވާ ފަރާތްތަކުން ޓްރެފިކްގެ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ސްޕީޑްކޮށް ނުދުއްވުމަށާއި ޕާކް ކުރާ އިރު ގަވާއިދާ އެއްގޮތަށް އުޅަނދު ޕާކުކުރުމަށް ނަވީން ވިދާޅުވިއެވެ.

ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެމުންދާތީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެއަށް ފަހު ލޮކްޑައުނަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާ ހުއްދައާ ނުލައި މާލޭގެ މަގުތަކަށް ނުކުތުމަށް މާދަމާ ހުޅުވާލަން ވަނީ ނިންމާފައެވެ. އެގޮތުން މާދަމާގެ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00 އާ ދެމެދު މަގުމަތީގައި އުޅެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.