ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލު ކުރައްވާ، އިންތިހާބު ނުވެ ރައީސް ކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ރައީސް ވަހީދު މިއަދު ހެނދުނު މާލޭގައި ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަިކޮސް އެމްޑީޕީގެ އެކްޓިވިސްޓް ޖައުހަރީ (ޖޯރޭ) ޑރ. ވަހީދަށް ފުރައްސާރަ ކުރި މައްސަލަ ސޯޝަލްމީޑިއާގައި ހޫނުވަމުން ދާ ދަނޑިވަޅެއްގައި އެވާހަކަތަކުގެ ތެރެއިންނެވެ.
ނަޝީދު ވިދާޅުވީ، ގިނަ ރައްޔިތުން އެގޮތަށް ދެކޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރެއްވުމުގެ އިތުރުން، ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން "ބާޣީ" އޭ ގޮވޭ ކަމަށެވެ.
ނަޝީދު މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، މިއަދު ރައީސް ވަހީދު އިތުރުފުޅު ހެއްދެވި ކަމަށް ބުނެ އެވާހަކަ ކުށްވެރިކޮށް އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ އެޕާޓީގެ ހަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރާ، އަދި އިބްރާހީމް ޖައުފަރު، ޑރ. ވަހީދު އުސްފަސްގަނޑު ސަރަހައްދު މަގުމަތިން އޭނާއާ ދިމާވުމުން، ނުރުހުމުގެ ބަސްތަކަކުން އަދި “ބާޣީ” ގެ ނަމުން މުހާތަބު ކޮށްފައި ވަނީ، އޭނާއާ ދިމާއަށް ޑޮކްޓަރު ވަހީދު ވަނަމަކުން ގޮވައިލައްވައި މުހާތަބު ކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، އެމަނިކުފާނުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ފަހު، ބަޣާވާތުގެ ވެރިކަން ދިފާއު ކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައި ވާއިރު، އޭގެތެރެއިން އިބްރާހީމް ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައި ވާކަމަށެވެ. އެގޮތުން އޭނާއަށް ލިބުނު އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ކުރަންޖެހޭ ކަމަށްވެސް ބުނެއެވެ.
ޑރ ވަހީދަށް ފުރައްސާރަ ކުރި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ. ހެނދުނު ޑރ. ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހާދިސާ ހިނގި އިރު އުސްފަސްގަނޑު ސަރަހައްދުގައި މީހުންވެސް އުޅުނު ކަމަށާއި އެ މީސްމީހުނަށް ކަން ހިނގާ ދިޔަގޮށް ސާގުކޮށް ފެންނާނެ ކަމަށެވެ.
ރައީސް ވަހީދަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށާފައި ވާކަމަށް ބުނި އިރު، ރައީސް ވަހީދު ކުށްވެރިކޮށް އަދި އެމްޑީޕީގެ އެކްޓިވިސްޓްގެ ދިފާއުގައި އެމްޑީޕީގެ ލީޑާޝިޕާއެކު މުޅި ޕާޓީ ވަނީ ތެދުވެފައެވެ.
ރައީސް ވަހީދަށް ދިމާވި ހާދިސާ ކުށްވެރިކޮށް ސިޔާސީ އެކިއެކި ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ޝުއޫރު ފާޅުކުރާ އިރު އެމްޑީޕީން ވަނީ އެޕާޓީގެ އެކްޓިވިސްޓުގެ އަމަލު ދިފާއު ކޮށްފައެވެ.
ނަޝީދު ފެނުނީމަ ގަންޖާ އަދި ލާދީނީ އޭ އަބަދު ހިތަށް އަރާ
ޢަންނި ފެނުނީމަ ލާދީނީޔޭވެސް ކިޔޭ ވިއްޔާ