ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކުރި ލޮކްޑައުނަށް ލުއި ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ގޭތަކުން ގެއިން ބޭރަށް ކުނި ނެރުން ބަދަލުކޮށް ގޭގެ އެންމެ ތިރީ ބައިގައި ކުނި ބެހެއްޓުމަށް ވެމްކޯއިން އެދިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، މާދަމާއިން ފެށިގެން އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހަށް މާލެ ސަރަހައްދު ގެތަކުން ކުނި ނެގުމުގައި އިމާރާތުގެ އެންމެ ތިރީބައިން ކުނި ނަގަން ނިންމާފައިވާ ކަމަށެވެ. މި ގޮތަށް ހަމަޖައްސާފައި ވަނީ މާދަމާއިން ފެށިގެން މަގުމައްޗަށް ގިނަ އަދަދެއްގެ މީހުން ނުކުމެ އުޅޭނެތީ އާންމުންނަށް ކުރިމަތިވާނެ އުނދަގޫތަކަށް ލުއި ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް އިން ދިން ލަފާގެ މަތިން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެ ލޮކްޑައުން ކުރި ފަހުން ވެމްކޯއިން ކުނި ނަގަން ގޭގެއަށް ވަނުން ލަޑުޖައްސާލައި ކޮންމެ ގެއަކުންވެސް އެގެއަކުން ނެރޭ ކުނި ގޭގެ ބޭރުގައި ބެހެއްޓުމަށް ވަނީ އެދިފައެވެ. ނަމަވެސް މިހާރު ގޭގެއިން ނެރޭ ކުނިތައް އެގެއެއްގެ "ގްރައުންޑް ފްލޯ" ގައި ގޭގެ ތެރޭގައި ބެހެއްޓުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މިއީ ލޮކްޑައުނަށް ދޭން ފެށި ލުއިތަކުގެ ތެރެއިން އެ ކުންފުނިން ނިންމާފައިވާ ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ވެމްކޯއިން ބުނީ، ކުނި ނަގަން ގޭގެއަށް ވެމްކޯގެ މުވައްޒަފުން ވަން ނަމަވެސް ފަންގިފިލާތަކަށް އެ މުވައްޒަފުން ނާރާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަންގިފިލާއަކުން ވެސް ކުނިތައް އެންމެ ތިރީ ބަޔަށް ގެންގޮސްފައި ބެއްޓުމަށް ސަމާލުކަން ދިނުމަށް އެ ކުންފުނިން އެދިފައި ވެއެވެ. އަދި ކުނި ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ދާނީ މެންދުރު 12:00 އިން 2:00 އާ ދެމެދުގެ ވަގުތެއްގައި ކަަމަށާއި އެ ވަގުތު އިމާރާތަށް ވެމްކޯގެ މުވައްޒަފުންނަށް ވަދެ ނިކުމެވޭނެ އިންތިޒާމް ގޭގެއިން ހަމަޖައްސާފައި ބެހެއްޓުމަށް އެ ކުންފުނިން އެދެއެވެ.
ކުނި ނެގުމަށް އިމާރަތްތަކަށް ވެމްކޯ މުވައްޒަފުން ވަންނަ ގޮތަށް ނިންމާފައި ވީ ނަމަވެސް މޮނިޓަރިން ހާލަތުގައި ވާ ގެތަކަށް ދާނީ އެ ކުންފުނީގެ ހާއްސަ ޓާސްކް ފޯސް ކަަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކުނި ބަންދުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށާއި ވަގުތަށް ކުނި ނެރެފައި އިމާރާތު ގްރައުންޑް ފްލޯގައި ބެހެއްޓުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.