ކޮވިޑް-19 އާ ގުޅިގެން ލޮކޑައުންގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގެ ތެރެއިން އޮޕީޑީގެ ހިދުމަތް ދޭން ނިންމި ނަމަވެސް ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތްކުރުމަކީ އަދިވެސް މަނާކަމެއް ކަމުގައި އައިޖީއެމްއެޗުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލޮކްޑައުނަށް ލުއިދިނުމުގެ 2 ވަނަ މަރުހަލާގެ ދަށުން އޯޕީޑީ ހިދުމަތްދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެ ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ފިލައިގެންގޮސްފައި ވާތީ ނޫން ކަމުގައި އައިޖީއެމްއެޗުން ބުނެއެވެ.
ލޮކްޑައުނަށް ލުއިދިނުމުގެ ގޮތުން އެކި ކަންކަމުގައި ލުއިތައް ދެމުން އަންނަ އިރު، ކޮވިޑް-19 އާ ގުޅިގެން ކުރިން އަމަލު ކުރަމުން އައި ބައެއް އުސޫލުތައް އަދިވެސް ދަމަހައްޓަމުން ދާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެ ގޮތުން ހޮސްޕިޓަލުގައި ބާއްވާފައި ތިބޭ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުން އަދިވެސް ވަނީ މަނާ ކުރެވިފައެވެ. މީގެ އިތުރުންވެސް ބައެއް ކަންކަން ކުރިއެކޭ އެއްގޮތަށް އަމަލު ކުރަމުން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ކުރިއެކޭ އެއްގޮތަށް ދަމަހައްޓާ އުސޫލުތައް:
- ވޯޑުތަކުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތްކުރުން މަނާކޮށް ވިޒިޓިން އަވާސް ހުއްޓާލުން
- ވޯޑުތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހާ ކައިރީ މަޑުކުރެޥޭނީ އެންމެ އެހީތެރިއަކަށް
- ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫން ގޮތަކަށް ކުޑަކުދިން ހޮސްޕިތަަލށް ނުގެނައުން
- ދުރާލާ ރޭވިޮގެން ކުރިއަށް ގެނދިއުމަށް ހަމަޖެހިަފއިވާ ރޫޓީން އޮޕަރޭޝަންތައް މެދުކަނޑާލުން
- ހޮސްޕިޓަލަށް ވަންނަ ފަރާތްތައް ހުމާއި ރޮގާ ފަދަ ކޮވިޑްގެ އަލާމަތްތަކަށް ސްކްރީން ކުރުން
އައިޖީއެމްއެޗުން ބުނީ އޯޕީޑީގެ ހިދުމަތް ފަށަން ނިންމާފައިވަނީ ކޮވިޑް ނޫން އެހެނިހެން ބަލިތަކުގެ މީހުންނަށް ލިބެންޖެހޭ ފަރުވާ ދިނުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި ދެކޭތީ އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ބަލި ވެގެން ޑޮކްޓަރަށް ދައްކަަ އަންނަ ފަރާތްތަކުގެ ތެރޭގައި ހުމާއި ރޯގާގެ އަސަރު ހުންނަ ފަރާތްތައް ދައްކަން ޖެހޭނީ ފްލޫ ކްލިނިކަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މީގެ އިތުރުން މިހާރު ކުރިއަށް ގެންދާ އޮންލައިން ކޮންސަލްޓޭޝަން ހިދުމަތްތައް މެދުނުކެނޑި ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އޯޕީޑީއަށް އެޕޮއިންޓްމަންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމަންޓް ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމަންޓެއްގެ ހާއްސަ ޑޮކްޓަރަަކަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.