މާލޭ ސަރަހައްދުގައި ހުރި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ. އަދި މިސްކިތައް ދާ މީހުން ދާން ޖެހެނީ ވުޟޫކޮށްގެން އަދި އަމިއްލަ މުސައްލަ ހިފައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގްރޭޓާ މަލޭ ސަރަހައްދުގެ މިސްކިތަތަކުގައި ނަމާދުކުރުން މެދުކެނޑިފައި އޮތްއޮތުމުގެ މުއްދަތު މިއަދު އަސްރު ނަމާދަށް ފަހު ހަމަވާ ކަމަށެވެ. އެހެންކަމުން ޖަމާއަތް ހެދުމަކާނުލައި މިސްކިތްތަކުގައި ނަމާދުކުރެވޭ ގޮތަށް މިސްކިތްތައް މިއަދު މަޣްރިބް ނަމާދަށް ހުޅުވައިފި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދުގެ ހާލަތަށް ބަލާފައި ލޮކްޑައުންގެ ހާލަތަށް ލުއިދިނުމަށް ނިންމާފައިވާތީ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކު ޖަމާއަތް ހެދުމަކާ ނުލައި ނަމާދުކުރަން ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުމަކީ ރަނގަޅު ކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ޓެގް ޓީމާއި ދީނީ އިލްމުވެރިން ވަނީ އެ މިނިސްޓްރީއަށް ލަފާ ދީފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިސްކިތްތައް ހުޅުވާލާއިރު ސިޓީ ކައުންސިލުން ސަމާލުކަން ދޭން ޖެހޭ 4 ކަމެއް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
އެގޮތުން ނަމާދުކުރުމަށް ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފު ކުރުމާއި، މިސްކިތުގައި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި މި ހާލަތުގައި މިސްކިތްތަކުގައި އޭސީ ބޭނުން ނުކުރުމެވެ. ހަމައެއާއެކު މިސްކިތްތަކަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންކަންވެސް އެ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
މިސްކިތްތަކަށް ނަމާދަށް ދާ އާންމުން ސަމާލުކަން ދޭންޖެހޭ ކަންކަން:
- ގެއިން ވުޟޫކޮށްގެން ދިއުން.
- މުސައްލައެއް ގެންދިއުމާއި މާސްކައެޅުން
- މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން.
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި އެމީހެއްގެ މުސައްލަ މަތީ މެނުވީ ނަމާދު ނުކުރުން.
- ރޯގާ ޖެހި ހުންއައިސް ނުވަތަ ކެއްސާނަމަ މިސްކިަތށް ނުދިއުން
- ނަމާދުކޮށް ނިމުމުން މިސްކިތުގައި މަޑުނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނަމާދަށް ނުދިއުން
- މިސްކިތްތެރޭ އަދި ބޭރުގައި އަތާއަތް ޖޯޑުކޮށް ސަލާމްކޮށް ނުހެދުން
- މިސްކިތުގައި ހުންނަ ހަތިމުތައް ބޭނުން ނުކުރުން
ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.
ނަމަވެސް ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލާނެ ވަކި ތާރީހެއް އަދި ނިންމާފައި ނުވި ނަމަވެސް މިސްކިތްތަކުގައި މިހާރުވެސް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ބަންގީގެ ފަހުގައި ހުރިހާ އެންމެން ވެސް ގޭގައި ނަމާދުކުރުމަށް ވެސް އަންނަނީ ގޮވަމުންނެވެ.