"ކާނާގެ ޔަގީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، މާލޭގައި "އާބަން ގާޑެނިން" މޮޑެލްއެއް ތައާރަފް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ އިން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުސްބިމެއް ނުވަތަ ޓެރަސްއެއް ފަދަ ތަނެއްގައި ކަމަށެ. އަދި ތައާރަފް ކުރެވޭ މޮޑެލް ބިނާވާނީ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހޭ ތަނެއްގެ ބޮޑު ކުޑަމިނެއްގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެ ކަމަށެވެ. އަދި ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތައް ކަމަށާއި، ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދާ އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މޮޑެލް ގާޑަން ގާއިމްކުރާނެ ބިމެއް ނުވަތަ ޓެރަސްއެއް ހިޔާރުކުރުމުގައި އެ މިނިސްޓްރީން ބަލާނެ މައިގަނޑު ކަންތައްތައް:

  • ހުށަހަޅާ ބިމަށް ނުވަތަ ޓެރަސްއަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރު
  • ހުށަހަޅާ ބިން ނުވަތަ ޓެރަސްގެ ސެކިޔުރިޓީ ބަލަހައްޓާ މިންވަރު
  • މިނިސްޓްރީން ގާއިމްކުރާ މޮޑެލް އާންމުންނަށް ދައްކާ ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތައް
  • ހުށަހަޅާ ބިން ނުވަތަ ޓެރަސްއިން ޖާގަ ލިބެން އޮތް މިންވަރު
  • މޮޑެލް ގާޑަން ގާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރު
  • މޮޑެލް ގާޑަން ގާއިމް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު އަވައްޓެރިންނަށާއި އެހެނިހެން އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތް އަދި މިންވަރު
  • ހުށަހަޅާ ބިން ނުވަތަ ޓެރަސްއަށް މޫދު ލޮނުގެ އަސަރުކުރާ މިންވަރު، އަވި ލިބޭ ނިސްބަތް

މި ޕްރޮގްރާމަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ފޯރުކޮށްދޭނީ އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުންނެވެ. އެ މިނިސްޓްރީން ބުނީ، މި ޕްރޮގްރާމުގެ އަމަލީ މަސައްކަތް ފަށާނީ ކޮވިޑް-19ގެ ސަބަބުން ކުރިއަށްދާ ފުރަބަންދުގެ ހާލަތު ނިމި، އާންމު ހާލަތަށް ރުޖޫއަވެއްޖެކަން، އިއުލާން ކުރުމުން ކަމަށެވެ.

އެގްރިކަލްޗާ މިނިސްޓްރީން ވަނީ މިޕްރޮގްރާމްގެ ދަށުން ގާއިމްކުރާ މޮޑެލް ގާޑަން އެފަރާތެއްގެ އަމިއްލަ ބިމުގައި ނުވަތަ އިމާރާތުގެ ޓެރަސްގައި ގާއިމްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ފޮނުވުމަށް އެދިފައެވެ. އެގޮތުން މި ފޯމު ގެޒެޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޕްލިކޭޝަން ފޯމާއެކު، ބިމެއްނަމަ ބިމުގެ ރަޖިސްޓްރީގެ ކޮޕީ އަދި ޓެރަސްއެއްނަމަ އެ ޓެރަސްއެއް ހިމެނޭ އިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، ހުށަހަޅާ ފަރާތަކީ ބިމުގެ ނުވަތަ އިމާރާތުގެ ވެރި ފަރާތް ނޫންނަމަ، މޮޑެލް ގާޑަން ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ބިން ނުވަތަ ޓެރަސް ބޭނުން ކުރުމަށް ވެރި ފަރާތުން އިއުތިރާޒު ނުކުރާ ކަމުގެ ލިޔުން ވެސް ހުށަޅަން ވާނެ ކަމަށެވެ.