ކުޅުދުއްފުށީގައި ވެސް ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސެމުގެ މަސައްކަތް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ކުރަމުން ދާ ކަމަށް ބުނެފިއެވެ.
އެންއީއޯސީން ބުނީ، ކުރިއަށް އޮތް 10 ވަރަކަށް ދުވަސްތެރޭގައި އައްޑޫއާއި ކުޅުދުއްފުށީގައި ޕީސީއާރް މެޝިން އިންސްޓޯލްކޮށް، ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ. އޭރުން ކޮންމެ ސަރަހައްދެއްގައި ދުވާލަކަށް 100-150 ދެމެދުގެ އަދަދަކަށް ޓެސްޓު ކުރެވޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.
އެ ސެންޓަރުން ބުނީ މިކަމުގައި ހަރަކާތްތެރިވާނީ މާލެއިން ޕީސީއާރް މެޝިން ބޭނުން ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ލެބް ޓެކްނީޝަނުން ކަމަށެވެ.
އެންއީއޯސީން އިތުރަށް ބުނީ، މިހާރު އައްޑޫގައި ގާއިމްވެފައިވަނީ ބައީ ފަޔާ މެޝިން ބޭނުން ކޮށްގެން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ކަމަށެވެ. އެގޮތުން އެ މެޝިނުން ދުވަލަކަށް 24 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.
އައްޑޫ ގައި ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖެހިފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން ބުނީ، ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހި، ޕީސީއާރް ޓެސްޓުތައް ހެއްދުމަށް ބޭނުންވާ ޓެސްޓު ކިޓުތައް ލިބިފައިވާ ކަމަށެވެ.
އައްޑޫގައި ކޮވިޑް ޓެސްޓު ހެއްދޭ އިންތިޒާމްތައް ހަމަޖެހި، ކުޅުދުއްފުށީގައި އެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރެވެނީ ހަމައެކަނި މާލެ ސަރަހައްދުގައެވެ. އެގޮތުން މާލޭގައި ދުވާލެއްގެ މައްޗަށް 1045 ޓެސްޓު ހެއްދެއެވެ.
މާލޭގައި މިހާރު ރާއްޖޭގައި ދުވާލެއްގެ މައްޗަށް 1145 ޕީސީއާރް ޓެސްޓު ކުރެވޭއިރު، މި ކެޕޭސިޓީ އަންނަ މަސް ފެށުމުގެ ކުރިން އިތުރު ކުރެވޭނެ ކަމަށް އެސްއީއޯސީން ބުނެއެވެ. ދުވާލެއްގެ މައްޗަށް 1145 ޓެސްޓު ކުރެވޭއިރު، އެއީ ފުލުހުންގެ ލެބުން ކުރާ 145 ޓެސްޓާއި އައިޖީއެމްއެޗުން ކުރާ 500 ޓެސްޓު އަދި އޭޑީކޭއިން ކުރާ 500 ޓެސްޓެވެ.