މިއަހަރު ހައްޖަށް މީހުން ފޮނުވުމުގެ ކަންކަން އަދިވެސް އޮތީ މަޑުޖައްސާލާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރު ހައްޖަށް މީހުން ފޮނުވުމާމެދު ރާއްޖެއިން ގޮތެއް ނިންމާފައިވޭތޯ 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެ މިނިސްޓްރީން ބުނީ އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ހައްޖާ ބެހޭ ކަންކަން އަދިވެސް އޮތީ މަޑުޖައްސާލާފައި ކަމަށެވެ.

ހައްޖާއި އުމްރާގެ ކަންކަން މަޑުޖައްލާފައި ވަނީ ސައުދީ އަރަބިއްޔާއިން އުމްރާ ވިސާ ދޫކުރުން ހުއްޓާލާ، ވަގުތީ ގޮތުން ސައުދިީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިއުލާންކޮށްފައިވާތީއެވެ.

ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމާމެދު ގޮތެއް ނިންމާފައި ނުވާއިރު، ސައުދީގެ ހާލަތު ބަދަލުވާ ގޮތަކަށް ބަލާ، މަޝްވަރާ ކުރުމަށްފަހު، ހާލަތަށް ރިއާޔަތްކޮށް އެންމެ ރަނގަޅު ގޮތަކަށް ނިންމާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިކަމާ މެދު ގޮތެއް ނިންމާފައި ނުވައިރު، މީލާދީން 1932 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްކަން އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން ކެންސަލް ކުރުމުގެ ވިސްނުމެއް އެ ގައުމުން ގެންގުޅެމުން އަންނަ ކަމަށް، ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

1441 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކެންސަލް ކުރުމުގެ ވިސްނުމެއް ސައުދީ އަރަބިއްޔާއިން ގެންގުޅެމުންދަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ކަމަށް، ސައުދީ އަރަބިއްޔާގެ ހައްޖާ އުމްރާއާއި ބެހޭ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ސައުދީގެ އޮފިޝަލާ ހަވާލާދީ ބައިނަލްއަގުވާމީ މީޑީއާއިން ރިޕޯޓްކުރާ ގޮތުގައި، ކަމާ ބެހޭ ފަރާތްތަކުން ދަނީ ހުރިހާ 'ސިނާރިއޯއެއް' ދިރާސާ ކުރަމުންނެވެ.، އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީ ނިންމުމެއް ނިންމާނެ ކަމަށްވެސް ޚަބަރު ލިބެއެވެ. އަނެއްކޮޅުން ބަލާއިރު، މިއަހަރުގެ ހައްޖުގެ އަޅުކަމައިގެން ކުރިއަށް ދިއުމަށް ސައުދީއިން ނިންމި ކަމުގައި ވީ ނަމަވެސް، މި ފުރުސަތު ލިބޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ލިމިޓް ކުރާނެ ކަމަށްވެސް ބެލެވެއެވެ. އެގޮތުން ކޮންމެ ގައުމަކަށްވެސް ދޫކޮށްފައިވާ ކޯޓާގެ 20 ޕަސެންޓްއަށްވުރެ އިތުރު ނުވާނެ މިންވަރަކަށް ފުރުސަތު ދިނުމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.