މާލެއިން މަހަށް ފުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ވުމަށް ހުޅުވާލައިފިއެވެ.

ލޮކްޑައުން ތެރޭގައި ވިޔަފާރީގެ ގޮތުގައި ކަނޑުމަސް، ކުދިމަހާއި ފަރުމަހުގެ މަސްވެރިކަމަށް ފުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެގޮތުން، މި ފަރާތްތަކުން ރަޖިސްޓާ ވާން ޖެހެނީ މާލެ ސިޓީ ކައުންސިލްގެ ފަސޭހަގުޅުން ޕޯޓަލްގައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

މަސްވެރިން ޕޯޓަލްގައި ރަޖިސްޓާ ވާން ހުޅުވާލާފައި ވާއިރު، މާލެ ލޮކްޑައުން ކޮށްފައި އޮތުމާއެކު ފަރުމަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ވަނީ އާމްދަނީ ލިބޭނެ މަގު ބަންދުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރި ނަމަވެސް މަސްއޮޑިފަހަރަށް މަހަށް ފުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. އަދި ކޮވިޑް ނެތް ރަށްރަށުގެ މަސްވެރިންނަށް، ކައުންސިލްގައި ނަންނޯޓު ކުރުމަށް ފަހު، މަހަށް ފުރޭނެ އިންތިޒާމުވެސް އޮތީ ހަމަޖެހިފައެވެ.

މާލެއިން މަހަށް ފުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ވުމަށް ހުޅުވާލާފައި ވާއިރު، މާދަމައިން ފެށިގެން ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވަކިވަގުތެއްގައި މާލެ ސަރަހައްދުގައި ދަތުރުފަތުރު ކުރެވޭނެހެން ހުޅުވާލި ނަމަވެސް، މާލެ ސަރަހައްދު ދޫކޮށް ފުރައިގެން ދިއުމުގެ ހުއްދައެއް ނުދެއެވެ.