ލޮކްޑައުންގައި ޖޫރިމަނާ ކުރި އަދަދު 9.2 މިލިއަން ރުފިޔާއިން މައްޗަށް އަރައިފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ލޮކްޑައުން އަމުރަ ހިލާފުވެގެން 9211 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ކޮންމެ ޖޫރިމަނާއަކީ 1000 ރުފިޔާ ކަމަށް ވާއިރު، 9211 މީހުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9.2 މިލިއަން ރުފިޔާއަށް ވުރެ ގިނަވާނެއެވެ.

9211 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާ ކުރި 8232 މީހުންނާއި ހުޅުމާލެއިން ކުރި 833 މީހުންގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 146 މީހެކެވެ. ޖޫރިމަނާ ކުރި މީހުގެ ތެރެއިން 143 މީހުން ޖޫރިމަނާ ކުރީ އިއްޔެއެވެ. އެއީ މާލެއިން 137 މީހަކާއި ވިލިމާލެއިން 6 މީހެކެވެ.

ލޮކްޑައުންއާ ގުޅިގެން މިހާ ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާ ކޮށްފައި ވުމުން، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ހުރިހާ ޖޫރިމަނާއެއް މާފުކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ، ލޮކްޑައުންގައި ރައްޔިތުން ބޭރަށް ނުކުރީ ހައިހޫނު ކަމުން މިންޖުވާން ކަމަށާއި، އެހެން ކަމުން މާފު ވާން ޖެހޭނީ ލޮކްޑައުން އިތުރު ކުރި ވަގުތު ހަމަވި ފަހުން ކުރި ޖޫރިމަނާ އެކަނި ނޫން ކަމަށާއި ލޮކްޑައުންއާ ގުޅިގެން ކުރި ހުރިހާ ޖޫރިމަނާއެއްވެސް މާފުވާން ޖެހެނޭ ކަމަށެވެ.

ލޮކްޑައުން އަމުރާ ހިލާފުވެގެން މިހާތަނަށް އައި އިރު ވަނީ 602 މީހަކު ހައްޔަރުވެސް ކޮށްފައެވެ. އެއީ މާލެއިން 552 މީހަކާއި ހުޅުމާލެއިން 47 މީހެއްގެ އިތުރުން ވިލިމާލެއިން 3 މީހެކެވެ. މީގެ ތެރެއިން 5 މީހަކު ހައްޔަރު ކުރީ އިއްޔެއެވެ. އިއްޔެ މާލެއިން 4 މީހަކު ހައްޔަރު ކޮށްފައި ވާއިރު ހުޅުމާލެއިން ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ.

ނަމަވެސް މާދަމައިން ފެށިގެން ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00ގެ ނިޔަލަށް ފުލުހުންގެ ހުއްދަ ނުހޯދާ ވެސް ބޭރުގައި އުޅެވޭނެއެވެ. އެހެން ކަމުން ދެން ހުއްދަ ނުހޯދާ ބޭރުގައި އުޅެގެން ޖޫރިމަނާ ކުރެވޭނީ ރޭގަނޑު 10:00ގެ ފަހުންނެވެ.