ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީ އެކްޓިވިސްޓަކު ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީޑު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު 7:07 ހާިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމްއަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ "ޖޯރޭ" ހަމަލާދީފައިވާ ކަމަށާއި ހަމަލާ ދިނީ ކަސްރަތަށް ބޭރަށް ނުކުންވައިގެން އުޅުއްވަނިކޮށް ކަމަށެވެ. ނަމަވެސް އެ ދިން ހަމަލާގެ ތަފްސީލެއް ޑރ. ވަހީދު ވިދާޅެއް ނުވެއެވެ.

ޑރ. ވަހީދު ވަނީ އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޑރ. ވަހީދު ވިދާޅުވީ އެ ސަރަހައްދު (އުސްފަސްގަނޑު) ގައި ތިބި އެހެން މީހުންނަށް ވެސް އެ މަންޒަރު ފެންނާނެ ކަމަށެވެ.

2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު، ރައީސް ކަމަށް ޑރ. ވަހީދު ވަޑައިގެންނެވީ، އޭރުގައި ވެރިއަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ނަޝީދުގެ އިސްތިއުފާ އަށް ގޮވާލުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ވަހީދު ހުންނެވީ ނައިބު ރައީސަކަށެވެ.