އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ، ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހުރިހާ އިންތިޒާމެއް މިހަރު އެ ހޮސްޕިޓަލުގައި ގާއިމްވެ، ޓެސްޓު ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން، ޕީސީއާރް ޓެސްޓުތައް ހެއްދުމަށް ބޭނުންވާ ޓެސްޓު ކިޓުތައް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫގައި ކޮވިޑް ޓެސްޓު ހެއްދޭ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރެވެނީ ހަމައެކަނި މާލެ ސަރަހައްދުގައެވެ. އަދި މިއާއެކު އައްޑޫ އިކިއިޓޯރިއަލް ހޮސްޕިޓަލަކީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި ކޮވިޑް ޓެސްޓު ހެއްދޭ ފުރަތަމަ ހޮސްޕިޓަލަށްވީއެވެ.

އައްޑޫގައި ކޮވިޑް ޓެސްޓު ހެއްދޭ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، މިދިޔަ ހުކުރު ދުވަހު މާލެއިން ދަތުރުކޮށް، އައްޑޫގެ ޓްރާންސިޓް ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ފެސިލިޓީން ޕޮޒިޓިވްވީ އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށް އެންއީއޯސީން ބުނެއެވެ.

އެންއީއޯސީން އިތުރަށް ބުނީ ޕޮޒިޓިވް ކަން އެނގުނީ އެތާ އިންދާ ކަމަށާއި އޭނާ މާލޭގައި (ކަރަންޓީނުގައި) ހުރީ އޭނާގެ މާމަ ދަރިއަކާ އެކު ކަމަށްވީއިރު، މާމަ ދަރި ވަނީ ކޮވިޑަށް ނެގެޓިވް ވެފައި ކަމަށެވެ. އޭނާއަކީ، އައްޑޫ ކޮމިއުނިޓީ ނުވަތަ އާންމުންގެ ތެރޭގައި އުޅެފައިވާ މީހެއް ނޫން ކަމަށާއި އޭނާ މާލޭގެ ޓްރާންސިޓް ކަރަންޓީނުން ދިޔައީ އައްޑޫ އީކްއަޓޯރިއަލް ކަރަންޓީނަށް ކަމަށް އެންއީއޯސީން ބުނެއެވެ.

އޭނާއަކީ، މާލެ ސަރަހައްދުގައި ޓްރާންސިޓް ކަރަންޓީން ފެސިލިޓީ ގާއިމުކޮށް އެތަންތަނުގައި މީހުން ކަރަންޓީން ކުރަން ފެށިފަހުން، އެފަދަ ފެސިލީޓީއެއްގައި ހުރެފައި ރަށަށް ދިޔަ ފަހުން ޕޮޒިޓިވް ކަން އެނގުނު ފުރަތަމަ މީހާއެވެ. އަދި މީނާއަކީ އައްޑޫން ޕޮޒިޓިވް ވި ފުރަތަމަ މީހާވެސް މެއެވެ.

މީގެ އިތުރުން، އައްޑޫގެ އަމިއްލަ ކްލިނިކަކުން ވެސް ވަނީ މީގެ ކުރިން ކޮވިޑް ޓެސްޓު ކުރެވޭޏެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަށީގެންވާ ހުއްދަތައް ނުލިބުމުގެ ސަބަބުން އެކަން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.