އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ނުވަތަ ކުށްތަކަށް އަރައިގަތުމަށް ތައްޔާރު ކުރާތީ ބެލެނިވެރިން އެކަމަށް ސަމާލުވާން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގޮވާލައްވައިފިއެވެ.
މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ކުރުމަކީ ކުރާ ކަމެއް ކަމަށާއި، އެއީ ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިކަމަށް ސަމާލުވެ، ބެލެނިވެރިން ކުދިން ރައްކާތެރި ކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
ޖެންޑާ މިނިސްޓަރު ވަނީ، މެދުވެރިކޮށް ކުދިން ގްރޫމް ކުރުވުން ފަދަ ކަމެއް ހިނގާކަމުގެ ޝައްކެއްވާނަމަ އަވަހަށް އެކަން ފުލުހަށް ރިޕޯޓް ކުުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންޓަނެޓުގެ ޒަރިއްޔާއިން ކުށެއް ނެތް މައުސޫމް ކުދިންނަށް ވެސް މިފަދަ ކަންކަން ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން މާލޭ ގެސްޓްހައުސެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރީ ގްރޫމް ކުރުވައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ކުއްޖާ ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 7 ދުވަސް ދީފައެވެ.
އަނީސް ހިލްމީ ހައްޔަރު ކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ 10:30 ހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ. ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ، ގާނޫން ނަމްބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގަނޫން) ގެ ދަށުން، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލަށް ކޮމިޝަނާ އޮފް ޕޮލިސް ހުށަހެޅުއްވުމުން، ޕީޖީން އެމައްސަލައިގައި ކޯޓަށް ގޮސް އަމުރު ނެރުނީ މިއަދެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލް ކޮށް، ގްރޫމް ކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރި ކުރުވާ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަންވެސް ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުން ދާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.