އެއް އިންސާނަކު އަނެއް އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ އަކީ އަމިއްލަ ހަށިގަނޑުން، ހެޔޮ ނިޔަތުގައި، ހެޔޮ ހިތަކައިގެން ހަދިޔާ ކުރާ ލޭ ފޮދޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ރައްކާތެރި ލެޔަށް މުޅި ދުނިޔެ އޮތީ ބޭނުން ޖެހިފައެވެ. ރައްކާތެރި ލެޔަކީ ދާއިމީ ފަރުވާތަކާ، ކުއްލި ހާލަތްތަކުގައިވެސް އެއަށް އިންތިހާއަށް ބަރޯސާވާން ޖެހިފައި އޮންނަ އެއްޗެކެވެ. ހަދިޔާ ކުރާ ލޭ ފޮދަކީ ދާއިމީ ބައްޔަކަށް ބޭސް ކުރަމުންދާ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ދެވޭ އެހީއެކެވެ. ކާރިސާތަކާ، ހަނގުރާމަތަކުން ފެށިގެން ގޮސް ދަރިއަކު އުފަން ކުރުމަށް މަޔަކު ކުރަމުންދާ ޖިހާދުގައިވެސް އެންމެ ބޭނުން ޖެހިފައި އޮންނަ އެކައްޗަކީ ރައްކާތެރި ލޭކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.
ކަންމިހެން އޮތް ނަމަވެސް، ރައްކާތެރި ލޭގެ ސަޕްލައިއަކީ ހޯދަން މާ ފަސޭހަ އެއްޗެއް ނޫނެވެ. ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ބަލާއިރު، މިއީ ބޮޑު ގޮންޖެހުމެކެވެ. އެހެނީ ޑޯނަރުން މަދުވުމެވެ. އަދި ރައްކާތެރި ލެއަކީ ކޮބައިތޯ ބެލުމަށް ޓެސްޓު ކުރާނެ އާލާތްތައް އެކަށީގެންވާ މިންވަރެއްގައި ނެތުމެވެ. ރައްކާތެރި ގޮތެއްގައި ލޭ ރައްކާކުރާނެ ފުރުސަތު ތަނަވަސްވެފައި ނެތުމެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ލޭގެ ސަޕްލައިގެ 42 ޕަސެންޓް ޖަމާ ކުރަނީ މަތީ ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. ނަމަވެސް ދުނިޔޭގެ އާބާދީގެ ނިސްބަތުން މި ގައުމުތައް ހިއްސާކުރަނީ އެންމެ 16 ޕަސެންޓް މީހުންކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ފާހަގަކުރެއެވެ.
މެދުކެނޑުމެއް ނެތި، ރައްކާތެރި ލޭގެ ސަޕްލައި ކަށަވަރު ވާން އަންނަނީ ހިލޭ ސާބަހަށް ލޭ ހަދިޔާ ކުރާ ޑޯނަރުންގެ ދާއިމީ މަސައްކަތުންނެވެ. އެއްވެސް ބަދަލަކާ ނުލާ ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދުވަހެއް ފާހަގަކޮށްދީ، އެފަދަ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ވޯލްޑް ހެލްތް އެސެމްބްލީއިން 2005 ވަނަ އަހަރު ނިންމީވެސް މި ސަބަބާ ހެދިއެވެ. އޭގެ ފަހުން، ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ދުވަހެއްގެ އިތުރުން، މި ދުވަހަކީ، ރައްކާތެރި ލެޔަށް ދުނިޔެ ބޭނުން ޖެހިފައިވާ މިންވަރު އަންގައިދީ، ކޮންމެ މީހަކަށްވެސް މިކަމުގައި އެހީތެރިވެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ދުވަހެއް ވެސް މެއެވެ.
އާންމު އަދި ކުއްލި ހާލަތުގައި ބޭނުން ކުރާނެ ރައްކާތެރި ލޭގެ ސަޕްލައި ކަށަވަރު ކުރުމަށް މުޅި ދުނިޔެ ވަނީ ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ. ދެވަނަ މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ޑޮކްޓަރަކަށް ނުވަތަ ނަރުހަކަށް ވާކަށް ނުޖެހެއެވެ. އަސްކަރީ ބަރު ހަތިޔާރުގެ ތަމްރީނު ހާސިލުކުރާކަށްވެސް ނުޖެހެއެވެ. އަމިއްލަ އިހުތިޔާރުގައި އެއްވެސް އަގަކާ ނުލާ ލޭ ހަދިޔާ ކުރުމަކީވެސް ހަމަ މިފަދަ ހިދުމަތެއްކަން ގަބޫލުކުރަންޖެހެއެވެ. މިއީ ގައުމެއްގެ ސިއްހީ ނިޒާމުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ހަދަންޖެހެއެވެ.
ލޭ ހަދިޔާ ކުރާ މީހުންނަށް ހާއްސަ ކޮށްގެން ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުން އަންނަ ހާއްސަ މުނާސަބާ، މިފަހަރު އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ލިބިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހިފައިވާ ވަގުތެއްގައެވެ. ނަމަވެސް، މިއީ ރައްކާތެރި ލޭގެ ސަޕްލައިއަށް ޑިމާންޑްއަށް ކުޑަ ނަމަވެސް ބަދަލެއް ގެނުވާ ކަމެއް ނޫނެވެ. ކަންމިހެން އޮތްއިރު، ވައިރަހަށް ގަންނަ ބިރާ، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކާއެކު، ރައްކާތެރި ލޭ ލިބުން ދަތިވެ، ނޭވާ ހޮޅިއަށް އެޅޭ ހިސާބަށް ދާ ފަހަރު ކުރިމަތިވެފައި އެބަހުއްޓެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.
ކޮންމެ މަދު ސިކުންތު ކޮޅަކުން، ދުނިޔޭގެ ކޮންމެވެސް ހިސާބަކުން ކޮންމެވެސް މީހަކަށް ލޭ ބޭނުންވެއެވެ. ދުޅަހެޔޮ ސިއްހަތަކީ، އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ލިބިދީފައި އޮންނަނ އަސާސީ ހައްގެކެވެ. އެހެންކަމުން، ބޭނުން ޖެހިއްޖެ ހިނދެއްގައި ރައްކާތެރި ކަމާއެކު ރައްކާތެރި ލޭ ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ ކޮންމެ މީހަކަށްވެސް އޮންނަންޖެހޭ ފުރުސަތެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. މިކަމުގައި ފަރުދީ އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ޒިންމާވެސް އެބައޮތެވެ. ހިލޭ ސާބަހަށް ލޭ ހަދިޔާ ކުރާ މީހުން ތިބޭއިރު އެމީހުންގެ ކިބައިން ރައްކާތެރި ކަމާއެކު ލޭ ނަގާ، އެ ރައްކާ ކުރެވޭނެ އިންތިޒާމުތައް ހަރުދަނާ ކުރަންޖެހެއެވެ. ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ސިއްހަތު ކަށަވަރުކޮށްދީ، ހާއްސަ އަޅާލުމާ އޯގާތެރިކަން ދޭންޖެހެއެވެ. އެ ފޯރުކޮށްދޭ އަގުބޮޑު ހަދިޔާގެ އަގު ވަޒަންކޮށްދޭންޖެހެއެވެ.
ސިއްހީ ޝަރުތުތައް ހަމަވާ ހަމަ ކޮންމެ މީހަކަށް މިއަދުވެސް ޑޯނަރަކަށް ވެވިދާނެއެވެ. ގަވައިދުން ލޭ ހަދިޔާ ކުރާނެ ކަމުގެ އަޒުމް ކަނޑައެޅިދާނެއެވެ. އަދި އެކަމަށް އަމަލުކުރަން ފެށިދާނެއެވެ. ބައިނަލްއަގުވާމީ ގަވައިދުތައް ބުނާ ގޮތުން ނަމަ އުމުރުން 18 އަހަރާ 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ބަރުދަނުގައި އެންމެ މަދުވެގެން 50 ކިލޯގްރާމް ހަމަވާ މީހުންނަށް ލޭ ހަދިޔާ ކުރެވެއެވެ. ބައެއް ގައުމުތަކުގައި 16 އަހަރުން ފެށިގެންވެސް މި ފުރުސަތު އޮންނައިރު، ބަރުދަނުގައި 45 ކިލޯގްރާމް ހަމަވާ މީހުންނަށްވެސް މި ފުރުސަތު އޮވެއެވެ. ލޭ ހަދިޔާ ކުރާ މީހަކީ ސިއްހީ ގޮތުން ދުޅަހެޔޮ މީހަކަށް ވުން މުހިންމެވެ. އެމީހަކީ ލޭ ހަދިޔާ ކުރާ ވަގުތު އިންފެކްޝަނެއްގެ އަސަރު ހުރި މީހަކަށް ވެގެން ނުވާނެއެވެ. މި ނޫންވެސް އިތުރު ޝަރުތުތައް ގައުމުތަކަށް ހާއްސަ ވާނެހެން ކަނޑައަޅާފައި ހުރެއެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ، ލޭ ހަދިޔާ ކުރުމުގެ ރޫހު ފަރުދީ ފެންވަރުގައި އަށަގެންނެވުމެވެ.