ދޯންޏެއްގެ ތެރޭގައި ހޭނެތުނު އަންހެނަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީގައި ދ. ކުޑަހުވަދުއަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ދ.ވައްލަޅޮހި ނަމަކަށް ކިޔާ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު އަންހެނަކު ދޯނި ތެރެއަށް ހޭނެތިގެން އިތުރު ފަރުވާއަށް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރި ކަމާއެކު ދ.ކުޑަހުވަދުއަށް ގެންގޮސްދީފައި ވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 4:15 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އަދި ހޭނެތުނު އަންހެން މީހާއާއެކު އެ ދޯނީގައި ތިބި ތިން އަންހެނުންނާއި ކުޑަކުއްޖަކު ވަނީ ކޯސްޓްގާޑް ލޯންޗުގައި މިއަދު 5:00 ހާއިރު ކުޑަހުވަދުއަށް ގެންގޮސް ދީފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް އެ ދޯނިން މައުލޫމާތު ދީފައިވާ ގޮތުގައި އަންހެން މީހާ ހޭނެތިފައި ވަނީ މިއަދު ހަވީރު އައި ކޮޅިގަނޑުގައި ކަނޑުގަދަވުމާ ގުޅިގެންނެވެ.
މިއަދު ހަވީރު އައި ކޮޅުގަނޑުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވަނީ އޭގެ އަސަރު ކޮށްފައެވެ. އެގޮތުން ކ.ގުޅީފަޅުން 20 ފޫޓްގެ ޕްލާސްޓިކް ޝީޓް ތަކެއް ކަނޑަށް ދޫވެ، އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އެދިފައެވެ.
ގއ ގެމަނަފުށީ ބޭރުން ލޯންޗެއް ބަނޑުން ޖަހާލާފައި ވާއިރު މާލޭގައި ހަދަމުންދިޔަ ގެއެއްގެ ފާރެއްވެސް ވަނީ ވެއްޓިފައެވެ. އަދި ހުޅުމާލެ ފްލެޓެއްގެ ޓިނުގަނޑުވެސް ވަނީ ވަޔާ ތަޅާފައެވެ. މީގެ އިތުރުން ފުރާޅެއްގެ ޓިނުގަނޑެއް ނެއްޓިގެން ގޮސް ކައިރީގައި އޮތް ހުސް ގޯއްޗެއްގެ ތެރެއަށް ވެއްޓިފައިވެސް ވެއެވެ.
ހަމަ އެއާއެކު، ހދ. މާވައިދުއަށް ކާށި ހޮވަން ދިޔަ ބަޔަކު މޫސުން ގޯސްވެ ހާލުގައި ޖެހިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވެސް ވެއެވެ.
މީގެ އިތުރުން ގދ. ހައުޑިގަލާއަށް ދަތުރު ދިއުމަށް ފަހު ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.