ރޭޕްގެ ޝިކާރައަކަށް ވި އުމުރުން 11 އަހަރުގެ ކުއްޖާ ރޭޕް ކޮށްފައި ވަނީ އެކަމަށް އެ ކުއްޖާ ގްރޫމް ކޮށްގެން ނުވަތަ ތައްޔާރު ކުރުވައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެގާރަ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ (38އ) ކަމަށެވެ. އޭނާގެ ގެ ބަންދަށް މިއަދު 7 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.
އަނީސް ހިލްމީ ހައްޔަރު ކޮށްފައި ވަނީ، ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ 10:30 ހާއިރު އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ. ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައި ވަނީ ކުއްޖާ ގްރޫމް ކޮށްގެން (އެކަމަށް ތައްޔާރު ކުރުވައިގެން ކަމަށް) އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ އަނީސް ހިލްމީ، ގާނޫން ނަމްބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގަނޫން) ގެ ދަށުން، ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ބެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލަށް ކޮމިޝަނާ އޮފް ޕޮލިސް ހުށަހެޅުއްވުމުން، ޕީޖީން އެމައްސަލައިގައި ކޯޓަށް ގޮސް އަމުރު ނެރުނީ މިއަދެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލް ކޮށް، ގްރޫމް ކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރި ކުރުވާ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަންވެސް ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުން ދާ ކަމަށެވެ.
އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވާ މާލޭގެ ގެސްޓްހައުސަކަށް ކުޑަކުއްޖަކު ގެންގޮސް ޖިންސީ ގޯނާ ކުރި މީ ދެވަނަ މައްސަލައެވެ. އެ ގޮތުން މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ނުފުރޭ އަންހެން ކުއްޖެއް އޭނާގެ އާއިލާއަށް އޮޅުވާލައިގެން ކަމަށް ބުނެ ރަށަކުން މާލެ ގެނެސް ގެސްޓްހައުސް އެއްގައި ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.
އެ މައްސަލަވެސް ތަހުގީގު ކުރަމުން ދާއިރު، އެ ކުއްޖާ ރަށުން ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކާއި، ބިރުދެއްކުމުގެ ކަންތައްތަކެއް ހިމެނޭކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ކުއްޖާ ގޮވައިގެން މާލެ އައިސްފައި ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ހުއްދަ ނަގައިގެން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.