ކެނަރީފް އަދި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ފުރަތަމަ ދީފައިވާ ކުލީގެ ރޭޓް އަލުން އިޔާދަ ކޮށްދިނުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) އިން އެދިއްޖެއެވެ.

އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެ ދެ ރިސޯޓަށް ސަރުކާރުން ކޮންސެޝަނަލް ރޭޓެއް ކަނޑައެޅީ އައްޑޫގައި ވަޒީފާ އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެ ދެ ރިސޯޓަށް ފުރަތަމަ ދީފައިވާ ކުލީގެ ރޭޓް އަލުން އިޔާދަ ކޮށްދިނުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކިބައިން އެދޭ ކަމަށް އޭޑީސީ ބުނެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ހިންގާ ކެނަރީފް އަދި ޝަންގްރިއްލާ، ރިސޯޓަކީ އިންވެސްޓަރަށް ވަކި ކޮންސެޝަން ރޭޓަކުން ފުރަތަމަ ދިން ދެ ރަށް ކަމަށެވެ. ޓޫރިޒަމް ގާނޫނު އިސްލާހުވެގެން އައި އިރު، އެކަމަށް ނުބަލާ ކަމަށާއި ބިމުގެ ކުލި ބޮޑުކުރުމުގެ ސަބަބުން އެ ދެ ރަށް މިހާރު ވަނީ ބަނދުކުރާ ހިސާބުގައި ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ކެނެރީފް ރިސޯޓު ދެ އަހަރު ދުވަހަށް ބަންދުކުރުމަށް ނިންމައި، އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު މިއަދު ވަނީ އެ ރިސޯޓުގެ އެކި ޑިޕާޓްމެންޓްތަކުގެ ވެރިންނަށް އެކަން އަންގާފައެވެ. އެގޮތުން ރިސޯޓު ބަންދުކުރަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

އެ ރިސޯޓް ބަނދުކުކުރަން ނިންމާފައި ވަނީ ސަރުކާރުން ލިބެންޖެހޭ އެހީތައް ރިސޯޓަށް ނުލިބޭތީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކެނެރީފް ރިސޯޓަކީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވެސް ބޭނުން ކުރަމުން އަންނަ ރިސޯޓެކެވެ. އެ ރިސޯޓު މިހާރު ހިންގަމުން އަންނަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ "ކްރެސެންޑާސް ހޮސްޕިޓަލިޓީ މެނޭޖްމެންޓް" އާއި ދިވެހި ކުންފުންޏެއް ހިއްސާވެގެންނެވެ.