ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އަށް ޕީޕީއީ ހަދިޔާކޮށްފިއެވެ.
އެސްޓީއޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހަދިޔާކުރި ތަކެތީގެ ތެރޭގައި މާސްކާއި އަދިވެސް ބައެއް އެހެނިހެން ސިއްހީ ސާމާނުތައް އެކުލެވިގެން ވާނެ ކަމަށެވެ. މި ތަކެތި އެސްޓީއޯ އަދި ހަދިޔާކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެމްސީސީންނެވެ. އެސްޓީއޯ އިން ވަނީ އެކުންފުންޏަށް މި ފުރުސަތުގައި ޝުކުރު އަދާކޮށްފައެވެ.
ކޮވިޑް19 އާއި ގުޅިގެން ސަރުކާރު ކުންފުނިތަކުން އަންނަނީ ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން އެސްޓީއޯ އިން ވެސް އަންނަނީ ކޮވިޑް19 ގެ ކަންކަމުގައި އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ފަރާތްތަކަށް ބޭނުންވާ ސިއްހީ ސާމާނުތައް ފޯރު ކޮށްދެމުންނެވެ.
މީގެއިތުރުން އެސްޓީއޯ އަކީ ބޭސް ވެސް އާއްމުންނަށް ވިއްކާ ކުންފުންޏެއް ކަމުން އެކުންފުނިން ވަނީ ބޭސް ހުސްނުވެ އާއްމުންނަށް ލިބޭނެ ގޮތް ހެދުމުގެ ގޮތުން އެކި ގައުމުތަކުން ބޭސްގަނެ ރާއްޖެ ގެނެސްފައެވެ. އެގޮތުން އެންމެ ގިނަ ބޭސް ގެނެސްފައި ވަނީ އިންޑިއާއިންނެވެ. އަދި ހަމައެއާއި އެކު އެ ކުންފުނިން ވިއްކާ ކާޑުގެ ބާވަތްތައް ވެސް މިހާލަތުގައި [ކޮވިޑް19ގެ ހާލަތުގައި] ހުސްނުވެ އާއްމުންނަށް ލިބޭނެ ގޮތް ހެދުމަށްވެސް އެކުންފުނިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މާލެއިން ކޮވިޑް19 ފެނުމާއި އެކު މާލެ ސަރަހައްދު ބަންދު ކުރުމުން އެކުންފުނީގެ ސުޕަމާޓުން ވަނީ އާއްމުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދީފައެވެ. އަދި އޮންލައިންކޮށް ތަކެތި ގަތުމަށް އެކުންފުނީގެ އީ-ސްޓޯ އެއް ގާއިމްކޮށް އާއްމުންނަށް ލުއިވާނެ ގޮތްތަކުގެ މަތިން ވަނީ ގިނަ ކަންތައްތަކެއް އެސްޓީއޯ އިން ކޮށްފައެވެ.