ޗައިނާގެ ވެރިރަށް ބެއިޖީންގްއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ޑޮމެސްޓިކް ކޭސްތަކެއް ފެނި، އެ ސިޓީގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކޮށްފިއެވެ.

މިއާއެކު، ބެއިޖީންގްގައި ލޯކަލް ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ހިނގާ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ބެއިޖީންގްގެ ފެންގްތާއީ ޑިސްޓްރިކްޓްގައި އާންމުން ދިރިއުޅެން ހާއްސަކޮށްފައިވާ 11 ސަރަހައްދެއް ލޮކްޑައުން ކޮށްފައިވާއިރު، މި ސަރަހައްދުތަކުން ފެނުނު ގިނަ ކޭސްތަކެއް ގުޅެނީ ކައިރި ހިސާބެއްގައި ހުންނަ މަސްވިއްކާ ތަނަކާ ކަމަށް ސިޓީގެ އޮފިޝަލުން ވިދާޅުވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

2 މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ބެއިޖީންގްއިން ކޮވިޑް-19ގެ ކޭހެއް އެންމެ ފުރަތަމަ ރިޕޯޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމީހަކީ ސިޓީއިން ބޭރަށް ދަތުރު ކޮށްފައި ނުވާ މީހަކަށް ވާއިރު، ހުސްވި ހަފުތާ ތެރޭގައި ޝިންފާދީ މީޓް މާކެޓަށް އޭނާ ޒިޔާރަތް ކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ.

ޗައިނާ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރީ ހަރުކަށި ކަމާއެކު ތަންފީޒު ކުރަމުންދިޔަ ލޮކްޑައުންގެ އަމުރުތަކެވެ.

މިއަދު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށީ ޗައިނާއިންނެވެ. ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީއިން މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ޗައިނާއިން ރިޕޯޓް ކުރުމަކީ، ބަލި ޖައްސާ ވައިރަހުގެ އަސްލަކީ ޗައިނާ ކަމަށް ވާންޖެހޭ ސަބަބެއް ނޫން ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.