އިންސާނާގެ ހަށިގަނޑުގެ ސެލްތައް ފަސޭހައިން އިންފެކްޓް ކޮށްލެވޭ ގޮތަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް މިއުޓޭޓް ވެފައި ވާކަމަށް ފްލޮރިޑާގެ ދިރާސާ ޓީމަކުން ބުނެފިއެވެ.

ކޮވިޑް-19 ޖައްސާ ސިވިއާ އެކިއިޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2) މިއުޓޭޓް (ބަދަލު) ވެފައި ވާކަން ފްލޮރިޑާގެ ދިރާސާ ޓީމުން ހާމަކުރީ މި ވައިރަހާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުލީލު ތަކަކަށް ފަހުގައެވެ.

ސްކްރިޕްސް ރިސާޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބުނާ ގޮތުގައި ބަދަލު އައިސްފައި ވަނީ ވައިރަހުގެ ބޭރު ފަށަލައިން ބަޔަކަށެވެ. މި ފަށަލައަކީ އިންސާނާގެ ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަނުމަށް އެހީވާ ފަށަލައެވެ.

މި ބަދަލު އައިކަން އިތުރު ތަހުލީލު ތަކަކުން ކަށަވަރު ކުރެވިއްޖެ ނަމަ މިކަން ވެގެން ދާނީ ކޮވިޑް-19 ޖައްސާ ވައިރަސް ބަދަލުވާ ކަމަށް ހޯދުނު މިފަދަ ފުރަތަމަ ހޯދުމަށެވެ. ދާއިރާގެ އިތުރު ތަޖުރިބާކާރުން ތަކެއް އަދި މި ދިރާސާ މުރާޖައާ ކޮށްފައެއް ނުވެއެވެ.

ސްކްރިޕްސް ރިސާޗް އިންސްޓިޓިއުޓްގެ ވައިރޮލޮޖިސްޓް ހިއާޔޫން ކޯއީ ވިދާޅުވީ، މިއުޓޭޓްވާ ވައިރަސްތަކަކީ އެނޫން ވައިރަސްތަކާ އަޅާ ބަލާއިރު ވަރުގަދައަށް އިންފެކްޓް ކުރުވާ ވައިރަސްތަކެއް ކަމަށެވެ.

ދިރާސާ ޓީމުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ވައިރަހަށް އައި ބަދަލާއެކު ބޭރު ފަށަލައިން ފެންނަން ހުންނަ ކަށިތައް (ސްޕައިކްތައް) އިތުރުވެއެވެ. މިއާއެކު ސެލްތަކުގެ ތެރެއަށް ވަނުމަށް ވައިރަހަށް ފަސޭހަވެއެވެ.

ދިރާސާ ޓީމުން ބުނީ މި ބަދަލުގެ ސަބަބުން މީހުން އިންފެކްޓްވާ ގޮތަށް ބަދަލު އައިސްފައި ވާކަން އަދި އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށާ، މި ބަލިމަޑުކަމުގެ ތެރޭގައި މި ބަދަލު އައި ގޮތުގެ ދިރާސާތަކެއްވެސް ހަދަން ޖެހޭ ކަމަށެވެ.

ކަންމިހެން އޮތް އިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ، ކޮވިޑް-19 ޖައްސާ ވައިރަހަށް އައި ބަދަލުތަކުގެ ސަބަބުން ފަސޭހައިން ވައިރަސް ފެތުރުމަށް އެހީވެދޭތީ ފެނިފައި ނުވާކަމަށް ބުނެފައެވެ. އަދި މިފަދަ ބަދަލެއްގެ ސަބަބުން ބަލި ހާލަތު ސީރިއަސް ވާކަންވެސް ފެނިފައި ނުވާކަމަށް ހުސްވި ހަފުތާ ތެރޭގައި ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.