އެންމެ ބޭނުންވަނީ އެންމެ ފަހަރަކު ނަމަވެސް މަސްޖިދުލް ޙަރަމްއާއި މަސްޖިދުލް ނަބަވީގައި ބަންގި ގޮވާލަން ކަމަށް ޕާކިސްތާނަށް އުފަން، މަޝްހޫރު ލަވަކިއުންތެރިޔާ އާތިފް އަސްލަމް ބުނެފިއެވެ.

އާތިފް އަސްލަމް މިކަން ހާމަކުރީ، އޭނާ މިއުޒިކާ ދުރަށް ދާން އުޅޭ ކަމުގެ ބަހުސްތަކެއް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ މި ދަނޑިވަޅުގައި، ޕާކިސްތާނުގެ ޓީވީއަކުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އާތިފް އަސްލަމް ލަވަކިއުން ހުއްޓާލާ ކަހަލަ ވާހަކަތަކެއް މީޑިއާގައި ދައުރުވާތައް 3 މަހެއްހާ ދުވަސް ވެފައިވާއިރު، މި ފަހަކަށް އައިސް އޭނާގެ މަސައްކަތްތައް އާންމު ގޮތެއްގައި ފެނިފައިވަނީ ދީނާ ގުޅުން ހުރި އެކި ކަހަލަ ލަވަތަކުންނެވެ.

https://www.youtube.com/watch?v=lgm3puP3tMA

އޭނާ ލަވަކިއުން ހުއްޓާލުމާ ގުޅޭ ގޮތުން ފެތުރިފައިވާ އަޑުތަކަށް ޖަވާބު ދެމުން އާތިފް އަސްލަމް ބުނީ ދީނީ ލަވަތަށް ކިއަން ފެށިފަހުން ގިނަ ބައެއްގެ ލޯތްބާ އިހުތިރާމް ލިބެން ފެށި ކަމަށާ، ޒުވާން މުސްލިމުންވެސް އޭނާގެ ލަވަތަކާ ގަޔާވާ ކަމަށެވެ. އަދި މިވަގުތަށް ބަލާއިރު މިއުޒިކީ ސިނާއަތާ މުޅިން ދުރުވަނީ ކަމަށް ބުނެވެން ނެތް ކަމަށްވެސް އާތިފް އަސްލަމް ވަނީ ހާމަކޮށްފައެވެ. ކަންމިހެން އޮތްއިރު، ވީ ވަރަކުން ދީނީ ލަވަތަކަށް ހާއްސަ ވާނެކަންވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ގޭބަންދުވެފައިވާ މިދަނޑިވަޅުގައި، އާތިފް އަސްލަމްގެ އަޑުން ބަންގި ގޮވި އަޑު ވެފައިވަނީ، މި ދުވަސްވަރު އިންޓަނެޓް ފަތަހަ ކުރި އެއް އަޑަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ އާތިފް އަސްލަމް ބަންގި ދިން ގޮތަށް ތައުރީފު ކޮށްފައެވެ.

https://www.youtube.com/watch?v=KN2hAJJLkAk

މި ރަމަޟާން މަހަށް ހާއްސަކޮށްގެން 'ކޯކް ސްޓޫޑިއޯ' އިންވަނީ އާތިފް އަސްލަމްގެ އަޑުން ކިއާފައިވާ، 'މާތްﷲ ގެ 99 އިސްމުފުޅު' ހިމެނޭ މަދަހައެއްވެސް އާންމުކޮށްފައެވެ.

އާތިފް އަސްލަމްއަކީ އޭނާގެ މިއުޒިކް ކޮންސެޓްތައް ފެށުމުގައިވެސް އިސްލާމީ ލަވަތަކަށް އިސްކަންދޭ ފަންނުވެރިއެކެވެ. އެގޮތުން އޭނާގެ ޝޯތައް އާންމު ގޮތެއްގައި ފަށަނީ، "ﷲ ﷲ" މަދަހައިން ކަން ފާހަގަކުރަންޖެހެއެވެ.