11 އަހަރު ކުއްޖާގެ ރޭޕްގެ ތުހުމަތުގައި އުމުރުން 38 އަހަރުގެ މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ދާދި ދެންމެ ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ ހައްޔަރު ކުރީ ދިވެއްސެއް ކަމަށާއި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރުމުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެސްޓްހައުސް އެއް ގައެވެ.
މާލެ ފުރަބަންދުގައި އޮއްވާ، ގެސްޓްހައުސް އަށް އެ ކުއްޖާ ގެންދިޔަ ގޮތެއް އަދި ސާފު ނުވާއިރު އެ ގެސްޓްހައުސްއަކީ ކޮން ބަޔަކު ހިންގާ ގެސްޓްހައުސްއެއް ކަމެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.
ފުލުހުން ބުނީ، އެ މައްސަލަ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބާރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ހާދިސާގައި ހިމެނޭ ކުއްޖާއަށް ދޭން ޖެހޭ ރައްކާތެރިކަމާއި އެހީތެރިކަންވެސް ކަމާގުޅޭ މުއައްސަސާތަކާ އެކު ފޯރުކޮށް ދެމުން ދާ ކަމަށެވެ.
އަދި އަނިޔާ ލިބިފައިވާ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައި ކަަމަށްވެސް ފުލުހުން ބުނެއެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވާ މާލޭގެ ގެސްޓްހައުސަކަށް ކުޑަކުއްޖަކު ގެންގޮސް ޖިންސީ ގޯނާ ކުރި މީ ދެވަނަ މައްސަލައެވެ. އެ ގޮތުން މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ނުފުރޭ އަންހެން ކުއްޖެއް އޭނާގެ އާއިލާއަށް އޮޅުވާލައިގެން ކަމަށް ބުނެ ރަށަކުން މާލެ ގެނެސް ގެސްޓްހައުސް އެއްގައި ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.
އެ މައްސަލަވެސް ތަހުގީގު ކުރަމުން ދާއިރު، އެ ކުއްޖާ ރަށުން ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކާއި، ބިރުދެއްކުމުގެ ކަންތައްތަކެއް ހިމެނޭކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ކުއްޖާ ގޮވައިގެން މާލެ އައިސްފައި ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާ މި ދަނޑިވަޅުގައި އެޗްޕީއޭގެ ހުއްދަ ނަގައިގެން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.