ވިޔަފާރި ކުރުމުގެ ހުއްދައަށް އެދެން ޖެހޭ ގޮތް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އިތުރުކުރުމާއެކު، މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ނަގާފައިނުވާ ފަރާތްތަކުން، ފުލުހުންގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނެގުމަށްފަހު ވިޔަފާރިކުރެވޭނެ ކަމަށެވެ.

ހުއްދައަށް އެދެވޭނެ ފަރާތްތައް އަދި ހިދުމަތް ދެވޭނެ ގޮތް:

  • މުދާ ވިއްކާ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރުމަށް
  • ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފިޓީރިއާ ފަދަ ތަންތަނުން، ކާބޯތަކެތި ޑެލިވަރކުރުމަށް
  • ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ދޭ ހިދުމަތްތަކުގެ ތެރެއިން، ޓެއިލަރޝޮޕް، ރިޕެއަރ އެންޑް މެއިންޓަނަންސް ފަދަ ހިދުމަތްތައް ދިނުމަށް
  • ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ހިންގާ އޮފީހުގައި މަސައްކަތްކުރުމަށް.

އެ މިނިސްޓްރީން ބުނީ މިމުއްދަތުގެ ތެރޭގައި، ވިޔަފާރިކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ، ހެނދުނު 9.00 އިން ރޭގަނޑު 9.00 އަށް ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ، ހެނދުނު 9.00 އިން މެންދަމު 12:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިއާޔަތްކޮށް ލުއި ދިނުމުން، އިތުރު ހުއްދައެއް ނުނަގާ، ވިޔަފާރިކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރައްވަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންނަމަ، 1691 އަށް ގުޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.