ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށް، ބަޔާން ނަގައިފިއެވެ.

މިރޭ ފުލުސް އޮފީހަށް ވަޑައިގެންނެވުމަށްފަހު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، އޭނާ ފުލުސް އޮފީހަސް ހާޒިރުކޮށް ސުވާލު ކުރީ ކުރިން ވެސް އޭނާގެ މައްޗަށް ކޮށްފަިއވާ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ. އެގޮތުން، ކުރިން ކޮށްފަިއވާ ތުހުމަތުތައް މިހާރު ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިރޭ ހާޒިރުކޮށް، ސުވާލު ކުރުމަށްފަހު ބަޔާނެއްގައި ސޮއި ކުރުވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުކޮށް މުއިއްޒުގެ މައްޗަށް ކޮސްފައިވާ ތުހުމަތުތަކުގެ ތެރޭގައި ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ދައުލަތުގެ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނެއެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން ދިޔައިރު، މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ވަނީ ސުވާލު ކޮށްފައެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމިއެވެ.