ހުރިހާކަމެއްގެ ހައްލަކީ މަޖިލިސް ކަމަށް ހީވަންޏާ މިފެންނަނީ ނާމާން “އަވާމެންދުރެއް" ކަމަށް ކުރީގެ ހެލްތް މިނިސްޓަރު ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމްޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގައި ރޭ ހިނގަ ދިޔަ ކަންތައްތަކާ ގުޅިގެންނެވެ. އެގޮތުން ރޭގެ ކޮމިޓީގައި އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ދެއްވި ޖަވާބާ މެދު ނުރުހުން ފާޅުކުރައްވައި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހިއްޖެ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އެ ކަމަށް އެންވާރަމަންޓް މިނިސްޓަރުގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ އިސް ފަރާތްތަކާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރިއެވެ.

މެންބަރުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެއީ ޕްލޭނިން މިނިސްޓްރީގެ މެންޑޭޓްގައިވާ ކަމެއް ކަމަށް އެންވާރަމަންޓް މިނިސްޓަރު ވިދާޅުވުމުން ކޮމިޓީގައި ތިއްބެވި ބައެއް މެންބަރުން ވަނީ ނުރުހުން ފާޅު ކުރައްވާ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާފައެވެ.

މެންބަރު މުމްތާޒު ވިދާޅުވީ، މިހާރު މިއޮތީ އެންމެ ރަނގަޅު ނިޒާމުކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައްޔިތުންގެ އިހްސާސްތައް ނޭނގޭ މިނިސްޓްރީތަކާއި މިނިސްޓަރުން ތަކެއް ބައިތިއްބައިގެން ކުރިއަށް ދާނެ ގޮތެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.