ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދަނީ މި ދެ ބިލު ދިރާސާ ކުރަމުންނެވެ. މަޖިލީހުންގެ ވަނީ މި ދެ ބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ 2:00ގެ ކުރިން ހިޔާލު ހުށަހެޅުމަށް އެދިފައެވެ.

ބިލަށް ހިޔާލު ނުވަތަ ކޮމެޓެއް ހުށަހަޅުމަށް ކޮމިޓީގެ އީމެއިލް އެޑްރެސް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މަޖިލީހުގެ ވަނީ އެދިއެވެ.

މި ދެ ބިލަކީ ސަރުކާރުގެ ފަރާތުން މިދިޔަ ޑޮސެމްބަރު މަހުގެ 2 ވަނަ ދުވަހު މަޖިލީހަށް ހުށަަހަޅާފައިވާ ދެ ބިލެވެ.

ތައުލީމުގެ ބިލަކީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމު ކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށް ހުށަހަޅާފައިވާ ބިލެކެބެ. މި ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރެއެވެ.

މަތީ ތައުލީމުގެ ބިލަކީ، ރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުސުލުތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލުގެ ދަށުން މަތީ ތައުލީމުގެ ކަންކަން ވިލަރެސް ކުރުމަށާއި، އެފަދަ ތައުލީމުދޭ މަރުކަޒުތައް މޮނިޓަކޮށް، އެ މަރުކަޒުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރާނެއެވެ. މި ބިލުގައި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރެއެވެ.