މަހަށް ގޮސް އުޅުނު މީހެއްގެ ސިއްހީ ހާލު ގޯސްވެގެން ގާފަރަށް ގެންގޮސްދީފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، މަހަށް ގޮސް އުޅުނު މީހެއްގެ ސިއްހީ ހާލަތު ގޯސްވެގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ކ. ގާފަރަށް ގެންގޮސްދީފައިވާ ކަމަށެވެ. އޭނާ ގާފަރަށް ގެންގޮސްދީފައި ވަނީ މިއަދު ހަވީރު 3:15 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ހާލު ބޮޑުވެގެން ގާފަރަށް ގެންގޮސްދީފައި ވަނީ އެރަށުގެ އިރުދެކުނުން 11.4 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އުއްމީދު" ދޯނީގައި ހުރި މީހެއް ކަމަށެވެ. އޭނާއަކކީ އުމުރުން 26 އަހަރުގެ ދިވެހި ފަޅުވެރިއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަހަށް ނިކުމެ އުޅުނު މީހެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މަސްވެރިކަމަށް ނުކުމެ އުޅޭ ފަރާތްތަކަށް ދިމާވާ މިފަދަ ސިއްހީ ކަންކަމުގައި އެމްއެންޑީއެފުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، މިދިޔަ މަޗް 24 ވަނަ ދުވަހު މ. ވޭވަށުގެ އިރުން 5 ނޯތްމޭލް ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ހާސިލް 2" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއަކު ކުއްލިއަކަށް ހާލު ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓް ގާޑު ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗުގައި ގޮސް އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އޭނާ އެދުވަހު ހަވީރު 4:38 ހާއިރު މ. މުލީއަށް ގެންގޮސްފައިވާއިރު، ހާލު ބޮޑުވި ފަޅުވެރިއާއަކީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ އަނބުރައިގެންފައި ވަނީ ނަމާދުކުރަން ހުރެފައި ސަޖިދައަށް ދިޔަ ވަގުތުގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މީގެ އިތުރުން މަސްވެރިކަަން ކުރާ ފަރާތަތްކުގެ ތެރެއިން އެންދެމުމަށް ފީނާ ފަރާތްތައް ޑީކޯ ވެގެން އެމްއެންޑީއެފުން ވަނީ ފަރުވާ ހޯދުމަށް އެންމެ ކައިރިން ހޮސްޕިޓަލް ހުންނަ ރަށަކަށް ބަލިމީހާ ގެގޮސްދެއެވެ.