މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ، ނުރައްކާތެރި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 7.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެ ގަޑިން މިއަދު ހެނދުނު 07:30 ގެ ނިޔަލަށް މުޅި ދުނިޔެއިން 7595794 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 3330621 ކޭހަކީ އެކްޓިވް ކޭސް ކަމަށްވާއިރު، 3276719 މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 53902 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލްއެވެ.

ކްލޯޒްޑް ކޭސް ނުވަތަ ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކުގެ ތަފްސީލަށް ބަލާއިރު ފަރުވާ ހޯދާ ޝިފާ ލިބިފައިވާ މީހުން ނުވަތަ ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުތަކުން ދޫކޮށްލާފައި ވާ މީހުންގެ އަދަދަކީ 3841354އެވެ. އަދި މި ބަލީގައި މަރުވެދިޔަ މީހުންގެ އަދަދަކީ 423819 އެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުގެން ދިއުން ކޮންޓްރޯލް ކުރުމަށް މީގެ މަސްތަކެއް ކުރިން ގައުމުތަކުން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވާ ދަނޑިވަޅަކަށް ވީ ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވަނީ މިއީ އަދި ހިނދެމިލާ، ހަމަޖެހިލުމުގެ ނޭވާލާންވީ ވަގުތު ނޫންކަމަށާ، ދުނިޔޭގެ ހުރިހާ ހިސާބަކުން ވައިރަހުގެ ހުރިހާ ނިޝާނެއް ފޮހެވިގެން ދިއުމުން މެނުވީ މި ހަނގުރާމައަށް ނިމުން ނެތް ކަމަށް އިންޒާރުކޮށްފައެވެ.