މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް މިސްކިތްތައް ހުޅުވާނީ އަންނަ ޖުލައި މަހު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ގައިޑްލައިންތަކާއި އެއްގޮތައް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ވަނީ ޖުލައި މަހު ކަމަށެވެ.

މިރޭ "ދަ ޕަރެސް" އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިސްމާއިލް އަފްރާހް ވިދާޅުވީ ނިއު ނޯމަލް އަށް ލުއި ދިނުމުގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މިއަދަށް ހަމަވެފައި ވާއިރު، މިހާރު ވަނީ އިތުރު ތިން ދުވަހަށް (މިމަހުގެ 15 ވަނަ ދުވަހަށް) ވަނީ އިތުރު ކޮށްފައެވެ. އާ އާންމު ހާލަތު ނުވަތަ ނިއު ނޯމަލް އަށް 15 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދޭނެ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ. ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި މާލެ ސަރަހައްދުގެ ހުރިހާ މިސްކިތް ތަކެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

ނަމަވެސް ފަހުން މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން އޭޕްރީލް 19 ވަނަ ދުވަހު ނިންމުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ފަހުން ވަނީ ކޮވިޑް-19 ގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި އެރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުޅުވާލާނެ ވަކި ތާރީހެއް އަދި ނިންމާފައި ނުވި ނަމަވެސް މިސްކިތްތަކުގައި މިހާރުވެސް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ބަންގީގެ ފަހުގައި ހުރިހާ އެންމެން ވެސް ގޭގައި ނަމާދުކުރުމަށް ވެސް އަންނަނީ ގޮވަމުންނެވެ.