މިއަދުން ފެށިގެން ފެން މީޓަރުތަކުން ރީޑިން ނަގަން އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ގޭގެއަށް ދާ ގޮތަށް ނިންމައިފިއެވެ.

ފެން ކުންފުނިން ބުނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށަޓަކައި، ފާއިތުވި ދެ މަހުވެސް ބިލް ހަދާފައި ވަނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ރީޑިން ފެންނ ފޮޓޯތަކަށް ކަމަށެވެ. ނަމަވެސް، މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފަހަގަވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން ބުނީ، މީޓަރުގެ ފޮޓޯއާއި ރީޑިން ފޮނުވާފައިނުވާ ގޭބިސީތަކަށް ރީޑިން ނެގުމަށް ކުރިންވެސް އަމަލުކުރިހެން ގޭގެއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއް ނަމަ އެގޭބިސީތަކަށް ތައްޔާރު ކުރާނީ އެވްރެޖް ބިލެއް ކަމަށް ފެން ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ގޭގެއަށް ގޮސް މީޓާރުގެ ރީޑިން ނެގުމަށް ނިންމި ނަމަވެސް އޮންލައިންކޮށް ފޮޓޯ ފޮނުވައިގެން ބިލް ތައްޔާރު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފެން މީޓަރުގެ ރީޑިން ނަގާ ދުވަސް ޖެހުމުން، މީޓަރުގެ ރީޑިން އަޕްލޯޑު ކުރުމަށް އެދި އެމްޑަބްލިޔުއެސްސީއިން ކަސްޓަމަރުންނަށް އެސްއެމްއެސް ނޯޓިފިކޭޝަނެއް ފޮނުވާނެއެވެ. އެ ނޯޓިފިކޭޝަން ލިބުމުން، އެޕަށް ލޮގިންވެ، އެޕްގެ ހޯމް ސްކްރީނުން ފެންނަ ރީނދޫ ކުލައިގެ ކެމެރާ އައިކަންއަށް ފިތާލުމަށްފަހު އެޕުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯއަކާއި މީޓަރުގެ ޑައިލް އިން ފެންނަ 8 އަދަދުގެ ނަންބަރު ޖެހުމަށްފަހު، ސަބްމިޓް ކޮށްލުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިލް ޖެނެރޭޓްވެ، އެޕަށް ބިލް އަޕްޑޭޓްވެގެން ދާނެއެވެ.

ފެން ކުންފުނިން ބުނީ މި ފީޗާގެ ދަށުން، އެޕް މެދުވެރިކޮށް އަޕްލޯޑް ކުރެއްވޭނީ ހަމަ އެވަގުތު ކެމެރާއިން ނަގާ މީޓަރުގެ ފޮޓޯ އެއް ކަމަށެވެ. އަދި ފޯނުގެ ފޮޓޯ ގެލެރީން، މި ފީޗާގެ ދަށުން ފޮޓޯ އަޕްލޯޑު ނުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.