މިއަހަރު މޭ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 81 ޕަސެންޓް ދަށަށް ހިނގައްޖެއެވެ.
މީރާ އިން އާންމުކޮށްފައިވާ މޭ މަހުގެ ޓެކްސް އާމްދަނީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މޭ މަހުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 206.28 މިލިއަން ރުފިޔާއެވެ. އަދިި ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 7.03 މިލިއަން ޑޮލަރެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 81 ޕަސެންޓް ދަށް އަދަދެއް ކަމަށް އެ ތަފާތް ހިސާބުތަކުން ދައްކައެވެ.
މީރާއިން ބުނީ އާމްދަނީ މިހާ ދަށްވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބޯޑަރު ބަންދުކޮށް، ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވުމުގެ ސަބަބުން ކަމަށެވެ. ހަމައެއާއެކު ކޮވިޑް-19ގެ ސަބަބުން، މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައިވުމުގެ ސަބަބުން ޓެކްސް ދެއްކުމުގެ ސުންގަޑިތައް ފަސްކުރުމަކީ ވެސް އާމްދަނީ ދަށްވުމުގެ ސަބަބެއް ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ މަހު މީރާއަށް އެންމެބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 113.4 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އާމްދަނީގެ 55 ޕަސެންޓެވެ. އިންކަމް ޓެކްސްގެ ގޮތުގައި 20 މިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.
ޑޮލަރުގެ އާމްދަނީން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓީޖީއެސްޓީގެ ގޮތުގައެވެ. ޓީޖީއެސްޓީގެ ގޮތުގައި، އެއީ 3.4 މިލިއަން ޑޮލަރު ލިބިފައިވާއިރު އެއީ ޑޮލަރު އާމްދަނީގެ 49.1 ޕަސެންޓެވެ. އަދި މޭމަހު ގްރީން ޓެކްސްގެ ގޮތުގައި 8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މޭ މަހު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 33.1 މިލިއަން އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.7 މިލިއަން ރުފިޔާގެ އިތުރުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 23.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން އިތުރު ޓެކްސްތަކުގެ ގޮތުގައި 29 މިލިއަން ރުފިޔާ ލިބިފައިވެއެވެ.