ތ. ކަނޑޫދޫ ގޮނޑުދޮށަށް މިނި ކަށިތަކެއް ލައްގާފައި ވަނިކޮށް ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނޫ ކަނޑޫދޫ ގޮނޑުދޮށަށް މިނި ކަށިތަކެއް ލައްގާފައިވާ މައްސަލަ އެރަށު ކައުންސިލުން މިއަދު 12 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ސާމްޕަލް ނެގުމަށް އެ ރަށުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކަނޑޫދޫ ގޮނޑުދޮށުން މިނި ކަށިތަކެއް ފެނިފައިވާއިރު ފާއިތުވި 8 އަހަރު ދުވަސްތެރޭގައި 150 އެއްހާ މީހުން ގެއްލިފައިވެއެވެ. މީގެ ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި ގެއްލި މިހާތަނަށް ހަބަރެއް ވެފައި ނުވާ މީހުން ހިމެނެއެވެ.
އެކިގޮތްގޮތުން ގެއްލިފައިވާ މީހުން ހޯދާ ނުފެނިފައި ވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން، އެމަނިކުފާނު ވަނީ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންނަށް ވީގޮތެއް ހޯދުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަން އުފެއްދެވުމުގެ އެންމެ ބޮޑު އެއް މަގުސަދު ކަމުގައި ރައީސް ސޯލިހް ވިދާޅުވީ، 2014 ވަނަ އަހަރުން ފެށިގެން ހޯދަމުން ދިޔަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަށް ވީގޮތެއް ހޯދުމެވެ.
ގެއްލިފައިވާ މީހުންގެ ތެރެއިން އެމީހުންނަށް ވީ ގޮތެއް ހޯދާ ދިނުމަށް އެދި އެންމެ އަޑު ގަދަވެފައިވަނީ އައްޑޫގައި މަހަށް ނުކުމެ އުޅެނިކޮށް ޑިންގީ ބަންޑުން ޖަހައިލުމުން ގެއްލިފައިވާ ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު އަދި ލ. އަތޮޅުން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ އައިމިނަތު ޝިމާ ނާފިޒުގެ ވާހަކައެވެ.
ނަމަވެސް މިއަދާ ހަމައަށް މި މީހުންނަށް ވީގޮތެއް އެނގިފައިނުވާއިރު، އެމީހުންގެ މަރުވެފައިވާ ހަށިގަނޑެއް ވެސް ފެނިފައެއް ނުވެއެވެ.