ފުލިދޫ ރައްޔިތުންގެ ހައްގުގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް މަޖިލީހަށް ހުށަހެޅި ގަރާރު އެޖެންޑާ ކުރުމަށް ފަހު އެ ގަރާރު މަޖިލީހުން ބޭރުކޮށްލި ކަމަށް ބުނާ ވާހަަކަ މަޖިލީހުން ދޮގުކޮށްފިއެވެ.
މަޖިލީހުން ބުނީ ފުލިދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ ގުޅިގެން ފެލިދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރު ނުކުރާ ކަމަށާއި އެ ގާރާރު މަޖިލީހުގައި އޮތް ކަމަށެވެ.
ފުލިދޫ ރަށް ގިރަމުންދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި އެ ކޯލިޝަންގެ ފަރާތުން ފަޒުލް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވަނީ މިދަޔަ ފެބްރުއަރީ މަހުގައެވެ. އަދި އެ ގަރާރު މަޖިލީހުގެ ޖަލްސާއަަށް މި ހަފްތާތެރޭ އެޖެންޑާ ކޮށްފައި ވީ ނަމަވެސް މެންބަރު ފަޒުލް މަޖިލީހަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ގަނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރޭގަނޑުގެ ވަގުތެއްގައި މި މަހުގެ ކުރީކޮޅު ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މެންބަރުންތައް އަންނަނީ މަޖިލީހުގެ ޖަލްސާތައް މި ހަފްތާތެރޭގައި ބޯއިކޮޓް ކުރަމުންނެވެ. އަދި މި ދަނޑިވަޅުގައި މަޖިލީހަށް އިދިކޮޅު ކޯލިޝަންގެ މެނަރުން ހާޒިރުވެވަޑައިނުގަންނަވާތީ އެކަމާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް މިއަދު އިދިކޮޅު ކޯލިޝަނުންވަނީ މަޖިލީހަށް ފަޒުލް ހުށަހެޅުއްވި ގަރާރު މަޖީލީހުގެ ތަޅުމުން ބޭރުކޮށްލާފައިވާ ކަމަށާއި އެކަން ކުރެއްވީ މަޖިލީހުގެ ގަވާއިދާ ހިލާލަށް ކަމަށް ބުނެ ރައީސް ނާޝިދަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. އަދި އެ ގޮތަށް އެކަން ކުރެއްވުމަކީ ރައީސް ނަޝީދުގެ ހިތްޕުޅުގައި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ އިހުތިރާމެއް ނެތް ކަމުގެ ހެއްކެއް ކަމަށް އިދިކޮޅުން ބުނެފައި ވެއެވެ.