ވޭތުވެ ދެ މަސް ދުވަހުގެ ތެރޭގައި ވިހެއުމުގައާއި ބަނޑަށް ކުދިން މަރުވެފައި ވަނީ އިހުމާލެއް ގޮތުގައި ކަނޑައަޅައި އެ މައްސަލަ ތަހުހީގު ކޮށްދިނުމަށް ޔުނިސެފް އަދި ޑަބްލިއުއެޗްއޯއަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިހެއުމުގައި މަރުވާ ކުދިންގެ އަދަދު ރާއްޖޭގައި މަދުކުރެވިފައި ވާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ ދެމަސް ދުވަހުގެ ތެރޭގައި 5 ކުދިން މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ވިހެއުމުގައި މަރުވެފައިވާ ކުދިންނާއި ބަނޑަށް މަރުވެފައިވާ ކުދިން ހިމެނޭ ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެކަންކަމަކީ އިހުމާލުން ވެފައިވާ ކަންކަން ކަމަށް އޭނާ ވިދާޅުވެ ވަނީ ޔުނިސެފް އަދި ޑަބްލިއުއެޗްއޯއަށް އެކަން ތަހުގީގު ކޮށްދިނުމަށް ގޮވާލައްވާފައެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ދަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާަފއިވާ އިރު މި ވޭތުވެ ދިޔަ ދެ މަސްދުވަހުގެ ތެރޭގައި މާބަނޑު 3 މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައަކާއި ދުވަސް ނުފުރާ ވިހެއި އިރު 2 ކުދިން މަރުވެފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.

އެ ގޮތުން އިއްޔެ ހއ. ބާރަށު އަންހެނެއްގެ ބަނޑުގައިވާ ދަރިފުޅު މަރުވެފައިވާ މައްސަލައިގައި އާއިލާއިން ބުނެފައި ވަނީ ބަނޑަށް ކުއްޖާ މަރުވެފައި ވަނީ ކޮވިޑާ ގުޅިގެން މާބަނޑު އަންހެން މީހާއަށް ބޭސްފަރުވާއަށް ބޭނުންވާ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ. އޭނާގެ ބަނޑަށް ދަރިފުޅު މަރުވި އިރު ބަނޑަށް ވަނީ ހަތަރު މަސް ފުރިފައެވެ. ހަމައެއާއެކު މިދިޔަ މަހުގެ 14 ވަނަ ދުވަހު އއ. ތޮއްޑޫގައި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ލިބުމުގައި ލަސްތަކެއް ކުރިމަތިވެ އޭނާއަށް ފަރުވާ ލިބޭނެ ގޮތެއް ނުވުމުގެ ސަބަބުން ބަނޑަށް ދަރިފުޅު ވަނީ މަރުވެފައެވެ.

މީގެ އިތުރުން ށ. ނަރުދޫގައި މާބަނޑު އަންހެނަކު ވިހަން ދާނެ ހޮސްޕިޓަލެއް ހަމަނުޖެހި ލަސްތަކެއް ދިމާވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ބަނޑަށް މަރުވެފައި ވަނީ މިދިޔަ 25 ވަނަ ދުވަހެވެ. މި މައްސަލައިގައި ށ. ފުނަދޫ ހޮސްޕިޓަލުން އެ އަންހެންމީހާ ވިހަން ހޮސްޕިޓަލަށް ގެންދިއުމަށް ހުއްދަ ދީފައި ނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަދި ދ. ކުޑަހުވަދޫ ގައި މިދިޔަ ހުކުރު ދުވަހު، ދުވަސް ނުފުރާ ވިހޭ ދެކުދިން މަރުވި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.