މިއަހަރުގެ ފަހުކޮޅު އެމެރިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރެލީތައް ފައްޓަވަން ތައްޔާރުކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓްހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ވަރަށް އަވަހަށް އަނެއްކާވެސް ކެމްޕޭން ރެލީތައް ފައްޓަވަން ތައްޔާރަށް ހުންނެވި ކަމަށާ، އެންމެ ފުރަތަމަ ރެލީ ކުރިއަށްދާނީ އޮކްލަހޯމާގެ ޓަލްސާގައިކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިދަނޑިވަޅަކީ މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް )ކޮވިޑް-19) ގެ ބަލިމަޑުކަމުގެ އިތުރުން، އެމެރިކާގެ ކަޅު ނަސްލުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޮފިސަރެއްގެ އަމަލުތައް ހުރި ގޮތުން މި ދުނިޔެއާއި ވަކިވެދިޔަ ހާދިސާއާ ގުޅިގެން ޓްރަމްޕްގެ މަގުބޫލުކަން އިންތިހާއަށް ކުޑަވެފައިވާ ދަނޑިވަޅެކެވެ.
ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑަސީ ބަލައިގެންނެވުމަށްފަހު އޯގަސްޓް މަހުގެ ތެރޭގައި ހާއްސަ ތަގުރީރެއް ދެއްވާނެ ކަމަށާ، އެ ތަގުރީރު ދެއްވާނެ މާލަމެއްވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. ކެމްޕޭން މުޝީރުންނާ ހަވާލާދެއްވާ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި މި ތަގުރީރު އޮންނާނީ ފްލޮރިޑާގެ ޖެކްސަންވިލްގައެވެ. ނަމަވެސް ޓްރަމްޕް ވަނީ ޖޯޖާ އަދި ޓެކްސަސްގެ އިޝާރާތެއްވެސް ކުރައްވާފައެވެ.
ކޮވިޑް-19އާ ގުޅިގެން 3 މަހެއްހާ ދުވަހަށް ޓްރަމްޕްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް އަމަލީ ގޮތުން މަޑުޖެހިފައިވާއިރު މަގުމަތީގެ ރެލީތަކާ ކެމްޕޭންތައް ފެއްޓެވުމަށް ހުންނެވި ކެތްމަދުވެފައި ކަމަށް ޚަބަރުތައް ބުނެއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ތާވަލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްވަރު މަހުގެ 3 ވަނަ ދުވަހަށެވެ. އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ޓްރަމްޕާ ވާދަކުރައްވަން ނިކުންނަވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.