އެމެރިކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2000464 އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 112924 އަށް އަރާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އެރި ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކުން ދައްކަނީ އޭޕްރިލް 28 ވަނަ ދުވަހުއެވެ.

އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބަލިޖެހިގެން އެންމެ ގިނަ އަދަދެއްގެ ބަޔަކު ރިޕޯޓްކޮށްފައިވަނީ ނިއުޔޯކް ސިޓީއިންނެވެ. އެގޮތުން 6 ސަރަހައްދަކުން ވަނީ ލައްކައަކަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައެވެ.

  1. ނިއުޔޯކް ސިޓީ: 209716 ކޭސް
  2. ނިއޔޯކް: 171789 ކޭސް
  3. ނިއުޖާޒީ: 167796 ކޭސް
  4. ކެލިފޯނިއާ: 133489 ކޭސް
  5. އިލަނޯއީ: 129936 ކޭސް
  6. މެސަޝޫސެޓްސް: 103889 ކޭސް

މުޅި އެމެރިކާއަށް ބަލާއިރު އެކްޓިވް ކޭހުގެ ގޮތުގައި 1142777 ކޭހެއް ފާހަގަކޮށްފައިވާއިރު 16838 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ބަލިޖެހިފައިވާ މީހުންނާ، ސީރިއަސް/ކުރިޓިކަލް ހާލުގައި ތިބި ޕޭޝަންޓުންގެ އިތުރުން މި ބަލީގައި މަރުވެދިޔަ މީހުންގެ އަދަދު އެންމެ ގިނައިން ރިޕޯޓް ކުރަމުން ދަނީވެސް އެމެރިކާއިން ކަން ފާހަގަކުރަންޖެހެއެވެ.

އެމެރިކާއިން މިހާތަނަށް 22625758 ސާމްޕަލްއެއް ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާއިރު، ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މި ބައްޔަށް ޓެސްޓު ކުރަމުން ދަނީވެސް އެމެރިކާގައެވެ. ނަމަވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޓެސްޓުކޮށްފައިވަނީ މޮނާކޯއިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.